ޚަބަރު

މޮރިސަންނަށް އޮތް ތާޢީދު އަދިވެސް ދަށަށް


ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ދަށަށް ނުދާ މިންވަރަށް އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންނަށް އޮތް ތާޢީދު ދަށަށް ގޮސްފިއެވެ.

އޮސްޓުރޭލިޔާގެ ދުވަހަކު ނޫހަކުން ކުރި ސާވޭއަކުން ދެއްކި ގޮތުގައި ޖަނަވަރީ މަހުގެ ތެރޭގައި މޮރިސަންނަށް އޮތް ތާޢީދުވަނީ %5އަށް ދަށަށް ގޮސްފައެވެ. އެއާއެކު އޭނާއަށް އޮތީ %39ގެ ތާޢީދެއްކަމަށް އެ ސާވޭއިންވަނީ ދައްކައިފައެވެ. އެއީ 2020ވަނަ އަހަރުގެ މާރިޗު މަހުގެ ފަހުން މޮރިސަންނަށް އޮތް ތާޢީދު އެ މިންވަރަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. އޭނާއަށް އޮތް ތާޢީދު ބޮޑުތަނުން ދަށަށް ގޮސްފައިވަނީ ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރުން ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތަކެއް ނޭޅުމުންކަމަށްވެސް އެ ސާވޭއިންވަނީ ދައްކައިފައެވެ. އެ ގޮތުން ފިޔަވަޅު އެޅުން މޮރިސަން ފަސްކުރެއްވުމުން ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައިވަނީ ހަލުވިކަމާއެކު އޮމިކްރޯން ފެތުރި އިތުރު ދެ މިލިޔަން މީހުންނަށް ބަލިޖެހިފައެވެ. އޮމިކްރޯން ފެތުރެން ފެށުމުގެ ކުރިން އޮސްޓުރޭޅިޔާގައި ބަލިޖެހިފައިވަނީ 400،000 މީހުންނަށެވެ. އޭގެ އިތުރުން ފާއިތުވި ދުވަސްތަކުގެ ތެރޭގައި އޮސްޓުރޭލިޔާގައި ބަލިޖެހިގެން ރެކޯޑު ޢަދަދެއްގެ ބަޔަކުވަނީ މަރުވެފައެވެ.

މީގެ ދެ އަހަރު ކުރިން އޮސްޓުރޭލިޔާގައި ބަލިމަޑުކަން ފެތުރުން ފެށުމުން މޮރިސަން އެޅުއްވި ކާމިޔާބު ފިޔަވަޅުތަކުގެ ސަބަބުން އޭނާއަށް އޮތް ތާޢީދު އޭރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން އޭރު މޮރިސަންވަނީ އޮސްޓުރޭލިޔާގެ ސަރަޙައްދީ ރޮނގު ބަންދުކޮށް ބަލިމަޑުކަމުގެ ސަބަބުން ދަތި ޙާލުގައި ތިބި މީހުންނަށް ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގައި އޮސްޓުރޭލިޔާ ފާހަގަވެފައިވަނީ ކޯވިޑް-19އާ ދެކޮޅަށް އެންމެ ރަނގަޅު ފިޔަވަޅުތަކެއް އެޅި ޤައުމުތަކުގެ ތެރޭގައެވެ.

ފާއިތުވި ދުވަސްތަކުގައި އޮސްޓުރޭލިޔާގައި ވެރިކަންކުރާ ލިބެރަލް ނޭޝަނަލް އިއްތިޙާދަށް އޮތް ތާޢީދުވެސްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ގޮތުން އެ އިއްތިޙާދަށް ތާޢީދުކުރަނީ %44 މީހުންކަން އެ ސާވޭއިންވަނީ ދައްކައިފައެވެ. އަދި އިދިކޮޅު ލޭބަރ ޕާޓީއަށް %56ގެ ތާޢީދެއް އޮތްކަންވެސް އެ ސާވޭއިންވަނީ ދައްކައިފައެވެ. އެއާއެކު އަންނަ މޭއި މަހުގެ ތެރޭގައި ބާއްވައި އޮސްޓުރޭލިޔާގެ ޢާއްމު އިންތިޚާބު ކާމިޔާބުކުރުމަށް މޮރިސަންނަށް ބޮޑު ގޮންޖެހުމަކާ ކުރިމަރިވެފައިވާކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.