ޚަބަރު

ޠާލިބާނުން ބޮޑެތި ޤަތުލްޢާއްމުތަކެއް ހިންގިކަމުގެ ތުޙްމަތު


އަފްޣާނިސްތާނުގެ ވެރިކަންކުރާ ޠާލިބާން ޖަމާޢަތުން އެ ޤައުމުގައި ބޮޑެތި ޤަތުލްޢާއްމުތަކެއް ހިންގާފައިވާކަމަށް އދން ތުޙްމަތުކޮށްފިއެވެ.

އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝް އދގެ ސަލާމަތީ މަޖިލީހަށް ފޮނުއްވި ތަޙްޤީޤީ ރިޕޯޓެއްގައި ބުނެފައިވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމަށްފަހު އެ ޤައުމުގެ ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތްކުރި މީހުންނަށާއި އެ ޤައުމުގައި ޙަރަކާތްތެރިވި ބޭރުގެ ފައުޖުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން މީހުންނާއި ވާދަވެރި ޖަމާޢަތްތަކުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައިވާކަމަށެވެ. އަދި އަފްޣާނިސްތާނުގައި އަފޫޢާއްމެއް އިޢުލާނުކޮށްފައިވީ ނަމަވެސް އެފަދަ ޖަރީމާތައް ޠާލިބާނުން އަދިވެސް ހިންގަމުންދާކަމަށްވެސް ގުތެޚޭޝްވަނީ ފާހަގަކުރައްވައިފައެވެ. އޭނާގެ ރިޕޯޓުގައި އަފްޣާނިސްތާން ވެއްޓިފައިވާ ނާޒުކު ޙާލަތަށްވަނީ ވަރަށް ބޮޑަށް އަލިއަޅުއްވާލައްވައިފައެވެ. އެ ގޮތުން އަފްޣާނިސްތާނުގައި ދިރިއުޅޭ 39 މިލިޔަން މީހުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި އަދި ފަޤީރު ޙާލަތާމެދު ގުތެޚޭޝްވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ގުތެޚޭޝްވަނީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިންސާނީ ކާރިޘާ ފާހަގަކުރައްވާ ވާހަކަދައްކަވައިފައެވެ. އެ ގޮތުން ސަލާމަތީ މަޖިލީހުގައި ގުތެޚޭޝް އެދިވަޑައިގަތީ އަފްޣާނިސްތާނުގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރެވިފައިވޭތޯ ޔަޤީންކުރުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައި އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އިދާރާތަކުން ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށެވެ. އދން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނަށް އެހީތެރިވުމަށް 4.4 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ.