ކުޅިވަރު

ޓްރައޯރޭ ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް


އިންގްލިޝް ޕްރިމިއަރ ލީގުގެ ވުލްވަރހެމްޕްޓަން ވޮންޑަރަރސްއަށް ކުޅެމުންދިޔަ ހުނަރުވެރި ކުޅުންތެރިޔާ އަޑަމާ ޓްރައޯރޭ ސްޕެނިޝް ލަލީގާގެ ބާސެލޯނާއާއި ލޯން އެއްބަސްވުމެއްގެދަށުން ގުޅިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިއެއްބަސްވުމުގެ ދަށުން ސީޒަންގެ ފަހު ބައިގާ ޓްރައޯރޭގެ މުސާރަ އެއްކޮށް ދައްކާނީ ބާރސާއިންނެވެ. އަދި ސީޒަން ނިމުމުން ބާރސާ ބޭނުންނަމަ މި ލޯން އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ.

އުމުރުން 26 އަހަރުގެ ހުވަރުވެރި އަދި އެހާމެ ހަލުވި ކަމަށް ފާހަގަ ކުރެވިފައިވާ މިކުޅުންތެރިޔާ ވުލްވްސް އާއި އެކު ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިމޭނެއެވެ. އަދި އެއްބަސްވުން އާކުރުމާމެދު ކުޅުންތެރިޔާ އާއި ކްލަބާމެދު އެއްބަސްވުމަކަށް މިހާތަނަށް އޮތީ ނާދެވިފައެވެ. ޓްރައޯރޭއަކީ ބާރސާގެ އެކަޑެމީއިން ވިދާލި ކުޅުން ތެރިއެކެވެ. އަދި އޭނާ 2015 ގައި ބާރސާ ދޫކޮށްލީ އެސްޓަންވިލާއަށް ބަދަލުވުމަށެވެ. ވުލްވްސްގެ ޓެކްނިކަލް ޑިރެކްޓަރ ސްކޮޓް ސެލަރސް ހާމަކުރިގޮތުގައި ބާރސާއަކީ ޓްރައޯރޭގެ ހިތާ ވަރަށް ގާތް ކްލަބެކެވެ. އެހެންކަމުން މިއީ އޭނާގެ ހުވަފެން ހަގީގަތަކަށް ވެގެން ދިޔަ އެއްބަސްވުމެކެވެ.

2018 ވަނަ އަހަރު ވުލްވްސް އާއި ގުޅުނު ޓްރައޯރޭ ވަނީ އެކްލަބަށް 154 މެޗް ކުޅެދީ 11 ލަނޑު ޖަހައިދީފައެވެ. ޓްރައޯރޭ ގެންދިއުމަށް ޓޮޓްނަމް ހޮޓްސްޕަރއިންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެކްލަބުން ހުށަހެޅި 15 މިލިއަން ޕައުންޑުގެ ފީ ވަނީ ވުލްވްސްއިން ގަބޫލް ނުކޮށް ދޫކޮށްލާފައެވެ.