ޚަބަރު

ޔޫކްރެއިންގެ ސަލާމަތަށް އިނގިރޭސިވިލާތުން މުޙިއްމު ފިޔަވަޅުތަކެއް އަޅަނީ


ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާދީފާނެކަމުގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެ ޤައުމު ރައްކާތެރިކޮށްދިނުމަށް އިނގިރޭސިވިލާތުން މުޙިއްމު ދަޢުރެއް އަދާކުރަން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވަނީ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ޔޫކްރެއިންނަށް ފޮނުވުމަށް ނިންމާފައިވާ އަސްކަރީ ފައުޖުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ގިނަ ޢަދަދެއްގެ ސިފައިން ހިމެނުމަށް ނިންމާފައިވާކަމަށެވެ. އަދި ރަޝީޔާއިން ޔޫކްރެއިންނަށް ޙަމަލާ ދީފި ޙާލަތެއްގައި އެ ޤައުމު ދިފާޢުކުރުމަށް އިނގިރޭސިވިލާތުގެ ސިފައިން މުޙިއްމު ދަޢުރެއް އަދާކުރާނެކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ރަސްމީ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ސަރަޙައްދަށް އަންނަ ހަފުތާގެ ތެރޭގައި އޭނާ ވަޑައިގަންނަވާނެކަމަށާއި ތެލެފޯނު މެދުވެރިކޮށް ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެ އިތުރުން މުޙިއްމު މަޝްވަރާތަކެއް ކުރުމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރާއި ދިފާޢީ ވަޒީރު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެންނެވުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ޔޫކްރެއިންނަށް ފޮނުވުމަށް އިނގިރޭސިވިލާތުގެ ގިނަ ޢަދަދެއްގެ ސިފައިން ތައްޔާރީ ޙާލަތަކަށް ގެނެސް ވިލާތުގެ އިރުމަތީ ސަރަޙައްދުތަކުގައި ހިމެނޭ ޤައުމުތަކަށް ހަތިޔާރު ފޮނުވުމަށް ނިންމާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއިންވަނީ ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ރަޝިޔާގެ އަސްކަރީ އަދި މާލީ އެހީތެރިކަމާއެކު ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދުތަކުގައި އެ ޤައުމުން ވަކިވެގަތުމުގެ ޙަރަކާތްތަކެއްވަނީ ފަށައިފައެވެ. އެ ގޮތުން އެ ސަރަޙައްދުގައި ރަޝިޔާއަށް ތާޢީދުކުރާ ޖަމާޢަތްތަކަށް އެހީތެރިވުމަށް ރަޝިޔާގެ ކުލީ ސިފައިންވެސް ޙަރަކާތްތެރިވެއެވެ. އެމެރިކާއާއި ނޭޓޯއިން ބުނެފައިވަނީ ޔޫކްރެއިންނަށް އިތުރު ޙަމަލާއެއް ދިނުމަށްފަހު އެ ޤައުމުގެ ބައެއް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފިނަމަ އެ ކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށެވެ.