ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އަނިޔާވެރިކަމާއި، ހައްދުފަހަނަ އަޅާ ދިޔުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ރާއްޖެއާއި ތުރުކީ ވިލާތާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި މަޝްވަރާކުރެއްވީ ތުރުކީވިލާތުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މެވްލުތު ޝަވުޝުގްލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށް ހެޔޮ އެދުންތައް އަރިސްކުރެއްވުމަށް ވިދާޅުވެފައެވެ. އަދި، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ވަނީ އެޤައުމުގެ ރައީސްގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރއްޔާއަށް ވެސް ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ މިދިޔަ އަހަރު އެއީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު، ސިޔާސީ ގުޅުން ޤާއިމުކުރިތާ 42 އަހަރު ފުރުނު އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ރާއްޖެއަށް މިހާރުކުރައްވާ ދަތުރުފުޅުން އެ ޤައުމުގެ ސަރުކާރުން ރާއްޖޭއާ ތުރުކީވިލާތާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ދެއްވާ އަހަމިއްޔަތުކަން ރަމްޒުކޮށްދޭކަމުގައި ވިދާޅުވެފައިވެއެވެ.
މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ޤައުމުންވެސް ޝައުގުވެރިވާ ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރުމާއި، ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަން ވަރުގަދަކުރުމާއި، މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، ޢުމްރާނީ ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ވެސް ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އަނިޔާވެރިކަމާއި، ހައްދުފަހަނަ އަޅާ ދިޔުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ވަނީ ރާއްޖޭގެ ކޯވިޑްދިފާޢު ވެކްސިން ކެމްޕެއިނަށް ތުރުކީވިލާތުގެ ސަރުކާރުން ހަދިޔާކުރައްވާފައިވާ 20،000 ޑޯޒުގެ ސިނޮވެކް ވެކްސިން ޝިޕްމަންޓް ހަދިޔާކުރެއްވިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ތުރުކީވިލާތުގެ ސަރުކާރަށްޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އަދި ދެޤައުމަށް ވެސް ލާބައާއި މަންފާ ލިބޭ ކަންކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވެފައެވެ. ދިވެހިރާއްޖެއާއި ތުރުކީވިލާތުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 28 މެއި 1979ގައެވެ.