ކުޅިވަރު

ކެމަރޫން އާއި ބުރްކިނާ ސެމީއަށް


އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ގެމްބިއާގެ މައްޗަށް 2-0 އިން ކުރިހޯދައި ކެމަރޫނުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކެމަރޫނުން މި މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގައެވެ. މެޗުގެ 50 ވަނަ މިނިޓްގައި ކެމަރޫންގެ ކޮލިންސް ފައި ނެގި ކޯނަރަކުން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ކާލް ޓޯކޯ އެކަމްބީއެވެ. މެޗުގެ 57 ވަނަ މިނިޓްގައި މާޓިން ހޯންގުލާ ދިން ބޯޅައަކުން ޓޯކޯ އެކަމްބީ ވަނީ ކެމަރޫންގެ ލީޑުފުޅާކޮށްދީފައެވެ.

މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ގެމްބިއާ އިން ކުއާޓާ ފައިނަލަށް ހަމައަށް ދަތުރުކުރިއިރު އެޓީމަށް މުބާރާތުގައި ދެއްކުނު މޮޅުކުޅުން މިމެޗުގައި ދެއްކޭގޮތް ނުވެއެވެ. މުޅި މެޗު ކެމަރޫން ބޯޅަހިފައިޓައިގެން ގިނަވަގުތު ކުޅުނު އިރު ކެމަރޫންގެ ގޯލަށް ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް ގެމްބިޔާއަށް ފޮނުވާލެވިފައެއް ނުވެއެވެ.

ރޭގައި ކާމިޔާބުކުރި ލަނޑުތަކާއެކު މި ފަހަރުގެ އެފްރިކަން ކަޕްގެ ލަނޑު ލިސްޓުގެ ކުރީގައި އުޅެނީ އަބޫބަކާރެވެ. އޭނާ ހަ ގޯލު ޖަހާފައިވާއިރު، ދެވަނައިގައި އޮތް ޓޯކޯ އެކަމްބީ ވަނީ ފަސް ގޯލު ޖަހައިފައެވެ. އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކެމަރޫން ކުޅެން ޖެހޭނީ މިރޭ މިސްރާއި މޮރޮކޯ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.

ކެމަރޫން ވަނީ ފަސް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދައިފައެވެ. ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބުރްކީނާ އާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގައި ބުރްކީނާ އިން ޖެހި ހަމައެކަނި ލަނޑު އެޓީމުން ޖަހާފައިވަނީ މެޗުގެފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޑަންގޯ ކުއަޓްއާރާއެވެ.

ބުރްކީނާ ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ، ކުއާޓާ ފައިނަލުގައި ސެނަގާލް އާއި އިކުއިޓޯރިއަލް ގިނީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.