ޚަބަރު

އަވިން ހަކަތަ އުފެއްދުމަށް ފެށި ޕްރޮޖެކްޓްތައް މިއަހަރު ނިމޭނެ


އަވިން ހަކަތަ އުފެއްދުމަށް 5 ރަށެއްގައި މިދިޔަ އަހަރު ފެށި  ބޮޑު ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރު ނިމިގެންދާނެކަމަށް އެންވަޔަރމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.މިއީ އޭޝިޔަން ޑިވޮލޮޕްމެންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އޭޑީބީގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން 2.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް، ހަރުކުރެވިގެންދަނީ ތ. ބުރުންޏާއި ޅ. ކުރެންދު އާއި ބ. ގޮއިދު އާއި ގއ. ވިލިގިނލީގެ އިތުރުން އައްޑޫގައެވެ. މި މަސައްކަތް ނިމި ކަރަންޓް ބޭނުންކުރަން ފެށުމުން ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ގާއިމްކޮށްފައިވާ ނިޒާމް ދެ ގުނައަށް އިތުރުވެގެންދާނެއެވެ.ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރުމަންޓް މިނިސްޓަރ ތޯރިޤް ވަނީ ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއްގެ ނޭދެވޭ އަސަރު މި ޤައުމަށް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ތެލުގެ ރިޒާވެއް ހޯދިފައި ނެތް އިރު މިކަމާއި ދޭތެރޭ ފުންކޮށް ވިސްނައި ހައްލު ހޯއްދަވަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ކަރަންޓް ސަބްސިޑީއަށް ވަރަށް ބޮޑު ހޭދައެއް ކުރައްވާކަން ފާހަގަކުރައްވައި، މިއީ އެ ފައިސާ އިޔާދަކުރަނިވި ހަކަތައަށް ހޭދަކުރަންޖެހޭ ވަގުތުކަން ފާހަގަކުރެއްވިއެވެ.މީގެ އިތުރުން މިއަހަރުތެރޭގައި ހއ ، އަދި ހދ. އަތޮޅުގައި ދުވާލުގަޑީގައި ބެނުންކުރާ ކަރަންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ބޭނުންވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ބީލަމަށް ލެވި މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތަށް ބޭރު ޤައުމުތަކުން ހިލޭ އެހީ ލިބިފައިވާއިރު، ކުޑަ އިންޓްރެސްޓަކާއި އެކު ދިގުމުއްދަތުގައި ފައިސާ ދައްކާގޮތަށް ވެސް ފަންޑް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓްގެ 30 އިން ސައްތައަކީ އިޔާދަކުރަނިވި ހަކަތައިން ބޭނުންކުރެވޭ ކަރަންޓަށް ހެދުމެވެ.