ޚަބަރު

ހެކިބަސް ދެއްވަން ބޮލްސޮނާރޯ ވަޑައެއްނުގެންނެވި


ދަޢުލަތުގެ ސިއްރުތަކަކަށް ޚިޔާނާތްތެރިވެވަޑައިގަތްކަމުގެ ތުޙްމަތުކުރެވިފައިވާ މައްސަލާގައި ހެކިބަސްދެއްވުމަށް ވަޑައިގެންނެވުމަށް ބުރެޒިލްގެ ރައީސް ޚައިރް ބޮލްސޮނާރޯ ދެކޮޅުހައްދަވައިފިއެވެ.

ބުރެޒިލްގެ ސުޕުރީމު ކޯޓުންވަނީ ފުލުހުންގެ މަރުކަޒަށް ބޮލްސޮނާރޯ ޙާޒިރުވެވަޑައިގެން އެ މައްސަލާގައި ހެކިބަސްދެއްވުމަށް އަންގައިފައެވެ. ސުޕުޜީމު ކޯޓުގެ އެންގުން އައިސްފައިވަނީ އެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ބޮލްސޮނާރޯއަށް ދިން 60 ދުވަހުގެ މުޙްލަތު ފާއިތުވުމުންނެވެ. ބޮލްސޮނާރޯ ވަޑައިގެންނެވުމަށް އެންގި ނަމަވެސް އޭނާގެ ބަދަލުގައި ފުލުހުންގެ މަރުކަޒަށް ވަޑައިގެންފައިވަނީ ބުރެޒިލްގެ ސޮލިސިޓަރ ޖެނެރަލް ބުރޫނޯ ބުލެންކޯއެވެ.

ޢުމުރުފުޅުން 66 އަހަރުގެ ބޮލްސޮނާރޯއަށް ތުޙްމަތުކުރެވިފައިވަނީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އެ ޤައުމުގެ ސުޕީރިޔަރ އިލެކްޓޯރަލް ކޯޓުގެ ލިޔެކިޔުންތަކެއް ޤަވައިދާ ޚިލާފަށް ހޯއްދަވައި ޢާއްމުކުރެއްވުމެވެ.