ޚަބަރު

ބަޣާވާތްކުރުމުން ބުކީނޯ ފާސޯއަށް ފިޔަވަޅު އަޅައިފި


ބުކީނޯ ފާސޯގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް އެ ޤައުމުގެ ސަރުކާރު އުވާލުމުން އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އަޅައިފިއެވެ.

ހުޅަނގު އެފްރިކާގައި އޮންނަ 15 ޤައުމުގެ މައްޗަށް އެކުލެވޭ އިކޮނޮމިކް ކޮމިޔުނިޓީ އޮފް ވެސްޓު އެފްރިކަން ސުޓޭޓްސް، އީކޯވާސުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަޣާވާތްކުރުމުން ބުކީނޯ ފާސޯ އެ ޖަމުޢިއްޔާއިން ސަސްޕެންޑުކޮށްފައިވާކަމަށެވެ. އަދި އީކޯވާސުގެ ދިފާޢީ ވަފުދެއް ބުކީނޯ ފާސޯއަށް ދަތުރުކޮށް ޙާލަތު ދެނެގަތުމުގެ މަސައްކަތްކުރާނެކަމަށާއި އެ ޖަމުޢިއްޔާގެ ޚާރިޖީ ވަފުދެއްވެސް އެ ޤައުމަށް ދަތުރުކުރަން ހަމަޖެހިފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ 2 ވަފުދުގެ ހޯދުންތައް ގާނާގައި ބާއްވާ އީކޯވާސުގެ ބައްދަލުވުމަކަށް ހުށަހަޅާނެކަމަށާއި އިތުރު ފިޔަވަޅެއް އަޅާނީ އޭގެ ފަހުންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޖަނަވަރީ މަހުގެ 25ވަނަ ދުވަހު ބުކީނޯ ފާސޯގެ އަސްކަރިއްޔާއިންވަނީ ބަޣާވާތްކޮށް އެ ޤައުމުގެ ރައީސް ޚޮކް ކަބޯޚީ ޙައްޔަރުކޮށް އެ ޤައުމުގެ ޤާނޫނުއަސާސީ އުވާލައިފައެވެ. އެއާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަޣާވާތް ކުށްވެރިކުރި ނަމަވެސް ބުކީނޯ ފާސޯގައި ހިންގަމުންދާ ފަސާދައާއި ޚިޔާނާތާއި ތަފާތުކުރުމުގެ ޢަމަލުތަކާމެދު ހިތްހަމަނުޖެހިފައިވާ އެތައް ހާސް ރައްޔިތުންނެއްވަނީ މަގުތަކަށް ނުކުމެ އުފާފާޅުކޮށްފައެވެ.

ބުކީނޯ ފާސޯގައި ކުރި ބަޣާވާތުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ އަސްކަރީ ސިފައިންގެ ބަޔަކު އަމިއްލަ އުފައްދާފައިވާ ޖަމާޢަތެއްކަމަށްވާ ޕެޓުރިއޮޓިކް މޫވުމަންޓު ފޮރ ސޭފްގާޑު އެންޑު ރިސްޓޮރޭޝަން، ޕީއެމުއެސްއާރުންނެވެ. އެ ޖަމާޢަތުންވަނީ ބުކީނޯ ފާސޯގެ ރައީސް ސޮއިކުރެއްވިކަމަށް ބުނާ އިސްތިޢުފާގެ ސިޓީއެއް ޢާއްމުކޮށްފައެވެ. ނަމަވެސް އެ ޤައުމުގެ ރައީސް ޚޮކް ކަބޯޚީ ހުންނެވި ތަނެއް އެ ޖަމާޢަތަކުން ބުނެފައެއް ނުވެއެވެ.

ބުކީނޯ ފާސޯގައި ކުރި ބަޣާވާތަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެ ސަރަޙައްދުގެ ޤައުމެއްގައި ކުރި 5ވަނަ ބަޢާވާތެވެ. އެ ގޮތުން މާލީއާއި ގިނީގައި ބަޣާވާތްކުރުމުންވެސް އީކޯވާސުން އެ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ.