ޚަބަރު

ތުރުކީއާ ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއްގައި މާދަމާ ސޮއިކުރެވޭނެ


ތުރުކީވިލާތާއި ރާއްޖެއާ ދެމެދު މައިގަނޑު 5 ދާއިރާއަކުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކުގައި މާދަމާ ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވަނީ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޫ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން ތުރުކީއާއެކު ސޮއިކުރެއްވުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ދާއިރާއާއި، ސަގާފަތާއި ތަރިކައިގެ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާޢި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޚާރިޖީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކުގައެވެ.

ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ފޮރިިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ ދިވެހިރާއްޖެއާ ތުރުކީއާއި ސިޔާސީ ގުޅުން ޤާއިމްކުރިފަހުން މިވީ 42 އަހަރުގެ ތެރޭގައި ތުރުކީގެ ފޮރިން މިނިސްޓަރަކު ރަސްމީ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ތުރުކީގެ ފޮރިން މިނިސްޓަރގެ މިދަތުރުފުޅުގައި ދިވެހިސަރުކާރާ ތުރުކީ ސަރުކާރާ އެކު ރަސްމީ ވާހަކަތައް މާދަމާ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ރަސްމީ ވާހަކައިގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައެވެ. މީގެ އިތުރުން ތުރުކީގެ ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހަށް މާދަމާ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހަށްވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.