ޚަބަރު

މެމްފިސް ގްރިޒްލީސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗް ގްރިޒްލީސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި މެމްފިސް ގްރިޒްލީސް އާއި ޔޫތާ ޖޭޒް ބައްދަލުކުރި މެޗް ގްރިޒްލީސް ކާމިޔާބުކޮށްފިއެވެ. މިމެޗް ގްރިޒްލީސް ކާމިޔާބުކޮށްފައިވަނީ 119 ޕޮއިންޓް 109 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގްރިޒްލީސްގެ ޖާ މޮރާންޓްވަނީ 30 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 10 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. އަދި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 15 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާ 6 އެސިސްޓް ދިން މައިކް ކޮންލީއެވެ. މިއީ ސީޒަންގެ ކުރީކޮޅު މޮޅު ކުޅުމެއް ދައްކަމުންދިޔަ ޖޭޒް ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ.

މިމުބާރާތުގައި ފީނިކްސް ސަންސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރި މެޗް 134 ޕޮއިންޓް 124 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ކްރިސް ޕޯލް ވަނީ 21 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާ 14 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. މިމެޗްގައި ވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 10 އެސިސްޓް ދިން އެންތަނީ އެޑްވާރޑްސްއެވެ.

މީގެއިތުރުން ސެން އެންޓީނިއޯ ސްޕަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗް 131 ޕޮއިންޓް 122 ޕޮއިންޓުން ކާމިޔާބުކުރީ ސްޕަރސްއެވެ. މިމެޗްގައި ސްޕަރސްގެ ޑެޖޫންޓޭ މަރީ ވަނީ 29 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 12 އެސިސްޓް ކޮށްފައެވެ. އަދި ބުލްސްގެ ޑިމާ ޑިރޯޒަންވަނީ 32 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ.