ޚަބަރު

ވެކްސިންގެ ހަމަހަމަކަމަށް ގޮވާލާ ޝާހިދު ފެއްޓެވި ކެމްޕެއިންއަށް ޑަބްލިއުއެޗްއޯގެ ވެރިޔާގެ ތައުރީފް!


ކޯވިޑް ވެކްސިންގެ ހަމަހަމަކަމަށް ގޮވާލައި ސޯޝަލް މީޑިއާގައި ދިވެހިރާއްޖޭގެ ޙާރިޖީ ވަޒީރު އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕެއިންގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް ގޮވާލައްވައިފިއެވެ.

"ނިއު އިއަރޒް ރިޒޮލިއުޝަން ފޮރ ވެކްސިން އިކުއިޓީ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ޝާހިދު ފެއްޓެވި މި ކެމްޕެއިންގެ އެންމެ ބޮޑު އަމާޒަކީ ކޯވިޑް ވެކްސިން ދުނިޔޭގެ އެންމެންނަށް ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމަށް އދ ގެ އާންމު މަޖިލީހުގެ ރައީސް ދެއްވާ އަހައްމިއްޔަތުކަމުގެ މެސެޖް ދުނިޔޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމެވެ.

މި ސޯޝަލް މީޑިއާ ކެމްޕެއިންގައި ޝާހިދު ވަނީ ކޯވިޑްގެ ހާލަތުން އަރައިގަނެވެން އޮތީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދެވޭނެކަން ޔަގީންކޮށްދީގެންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މިކަން ހާސިލްކުރުމަށްޓަކައި އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރުމަށްވެސް ޝާހިދު ގޮވާލެއްވިއެވެ.

ޝާހިދުގެ މިމަސައްކަތްޕުޅަށް މަރުޙަބާ ވިދާޅުވެ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ކުރެއްވި ޓްވީޓެއްގައި ވަނީ ޝާހިދުގެ މަސައްކަތްޕުޅު ފާހަގަކޮށް، އެކަމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އަދި ދުނިޔޭގެ ލީޑަރުން މި ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ޓެޑްރޯސް ގޮވާލެއްވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ކޯވިޑް ވެކްސިނާ ގުޅޭގޮތުން ފެށި ސޯޝަލް މީޑިއާ ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ވަނީ ހުޅުވާލާފައެވެ. އޭގެ އިތުރުން ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތާއި ވެކްސިން ފޯރުކޮށްދޭން ކުރާ މަސައްކަތް މިއަހަރު ދެގުނަ ކުރަން ޝާހިދު ވަނީ ގޮވާލާފައެވެ. އަދި ވެކްސިން އެންމެނަށް ފޯރުކޮށްނުދެވެނީސް އެންމެން ރައްކާތެރިނުވާނެކަމަށްވެސް ޝާހިދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އަބްދުﷲ ޝާހިދު ގެންދަ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޙާއްސަ ގޮތެއްގައި ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެމަނިކުފާނު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

2022 ވަނަ އަހަރުގެ އާ އަހަރުގެ ޝިއާރެއްގެ ގޮތުގައި ޝާހިދު ފެއްޓެވި މި ކެމްޕެއިންގައި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ. އަދި ކުރިއަށްއޮތް ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އދ ގެ ރައީސްގެ އިސް ނެންގެވުމުގެ މަތިން ޤައުމުތަކުގެ އެންމެ އިސް ވެރިންގެ ފެންވަރުގެ ބައްދަލުވުމެއް މިކަމާއި ބެހޭގޮތުން ބާއްވަން ވަނީ އިއުލާނުކޮށްފައެވެ.