ކުޅިވަރު

މެސީ ނެތި އާޖެންޓީނާއިން ރެކޯޑް ދަމަހައްޓައިފި


ދެކުނު އެމެރިކާގެ ކޮލިފައިންގައި ރޭ އާޖެންޓީނާ ކުޅުނު މެޗުން 2-1 އިން ޗިލީ ބަލިކޮށް، ބަލި ނުވެ 28 މެޗުގެ ރެކޯޑު ދަމަހައްޓައިފިއެވެ.

ލިއޮނަލް މެސީ ނެތުމުން ރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އެންހެލް ޑި މާރިއާގެ ގޯލުން އާޖެންޓީނާ ވަނީ ލީޑު ނަގައިދީފައެވެ. ބެން ބެރަޓަން ވަނީ ޗިލީ އަށް އެއްވަރުކޮށްދީފައެވެ. އޭޖެންޓީނާ މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ލައުޓަރޯ މާޓިނޭޒްއެވެ. ރޭގެ މެޗުގައި އާޖެންޓީނާ ކުޅެފައިވަނީ ކެޕްޓަން މެސީ ނުހިމަނައެވެ.

މެޗް ފިޓްނަސް ދަށްވުމުގެ ސަބަބުން ރޭގެ މެޗުގައި އާޖެންޓީނާ ޓީމުން ވަނީ މެސީއަށް ފުރުސަތު ނުދީފައެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ކޮވިޑަށް ޕޮޒިޓިވްވުމުން ޓީމާ އެކު ނުދެވުނެވެ. ކޮލިފައިންގައި ރޭ ލުއިސް ސުއަރޭޒްގެ ގޯލުން އުރުގުއޭ ވަނީ 1-0 އިން ޕެރަގުއޭ ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު ދަމަހައްޓައިފައެވެ.

ރޭގެ ނަތީޖާއާއެކު ބްރެޒިލް އެއް ވަނައިގައި އޮތީ 14 މެޗުން 36 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް އާޖެންޓީނާއަށް 14 މެޗުން ވަނީ 32 ޕޮއިންޓް ވަނީ ލިބިފައެވެ. އެކުއެޑޯ ތިން ވަަނައިގައި އޮތީ 15 މެޗުން 24 ޕޮއިންޓާއެކުއެވެ. ރޭގެ މޮޅާއެކު އުރުގުއޭ ހަތަރަކަށް ޖެހިލީ 15 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. 5 ވަނައިގައި އޮތް ކޮލަމްބިއާ އާއި 6 ވަނައިގައި އޮތް ޕެރޫއަށް ވަނީ 14 މެޗުން 17 ޕޮއިންޓް ލިބިފައެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ އެންމެ މަތިން ނިންމާ ހަތަރު ޓީމަކަށް ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނެއެވެ. މި ވަގުތު އެއް ވަނައިގައި އޮތް ބްރެޒިލާއި ދެ ވަނައިގައި އޮތް އާޖެންޓީނާ ވަނީ ޤަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފައެވެ.