ކުޅިވަރު

ބްރެޒިލް އަތުން އެކުއެޑޯއަށް މުހިއްމު ޕޮއިންޓެއް


ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބްރެޒިލާއި އެކުއެޑޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

އެކުއެޑޯގެ އެސްޓަޑިއޯ ޑެލްގާޑޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ބްރެޒިލްގެ ކެޕްޓަން ކަސެމީރޯ ވަނީ ލީޑް ނަގައިދީފައެވެ. މެޗުގެ 15 ވަނަ މިނިޓްގައި ބްރެޒިލްގެ ފޯވާޑް މަޓެއުސް ކޫންޏާއަށް ކުރި ނުރައްކާތެރި ފައުލަކަށް އެކުއެޑޯ ކީޕަރު އަލެކްސަންޑާ ޑޮމިންގޭޒަށް ސީދާ ރަތް ކާޑެއް ދެއްކިއެވެ. ފަސް މިނިޓް ފަހުން ބްރެޒިލްގެ ފުލްބެކް އެމަސަން ރޯޔާލަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މެޗުގައި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ދެއްްކި ދެ ރަތް ކާޑު ވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކެންސަލްކުރިއެވެ. ކީޕަރު އެލިސަން އަށް ފުރަތަމަ ފަހަރަށް ރަތް ކާޑު ދެއްކީ މެޗުގެ 29 ވަނަ މިނިޓްގައެވެ. ވީއޭއާރް އިން ބަލާފައި އެލިސަންގެ ރަތް ކާޑު ކެންސަލްކޮށް، ރީނދޫ ކާޑަކަށް ބަދަލުކުރިއެވެ. އެކުއެޑޯއިން އެއްވަރުކުރީ 75 ވަނަ މިނިޓްގައި ފެލިކްސް ޓޮރޭޒް ޖެހި ގޯލުންނެވެ. ކީޕަރު އެލިސަންއަށް 2 ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކީ މެޗުގެ ފަހު ކޮޅުގައެވެ.

ރެފްރީ ރޮލްޑާން، ވީއޭއާރް ބަލާފައި ނިންމީ އެލިސަންއަށް ރީނދޫ ކާޑެއް ދައްކަން ނުޖެހޭ ކަމަށާއި އެހެންކަމުން ރަތް ކާޑު ވެސް ވަނީ ކެންސަލް ކޮއްފައެވެ. ރޭގެ ނަތީޖާ އެކު ބްރެޒިލް އެއް ވަނައިގައި އޮތީ 14 މެޗުން 36 ޕޮއިންޓާ އެކުއެވެ.

އެކުއެޑޯ 3 ވަަނައިގައި އޮތީ 15 މެޗުން 24 ޕޮއިންޓާ އެކުއެވެ.