ޚަބަރު

ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއާއެކު ޗައިނާ އަބަދުވެސް އޮންނާނެ: ޝީ ޖިންޕިން


ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއަށް އެހީތެރިވެދިނުމުގައި ޗައިނާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވައިފިއެވެ.

ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއަށް އެހީތެރިވެދިނުމުގައި ޗައިނާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ޗައިނާގެ ރައީސް ދެއްވީ، ރައީސް ސާލިހު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން، ރައީސް ސާލިހަށް ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުއްވި މެސެޖުގައި ޗައިނާގެ ރައީސް ވިދާޅުވީ ކޯވިޑްގެ ތެރޭގައި ދަތިއުނދަގޫތަކާއި ކުރިމަތިވި ވަގުތު ދެ ޤައުމުންވެސް، އެ އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި ކޯވިޑް ކޮންޓްރޯލްކޮށް، އެކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމުގައި ޗައިނާއިން ދެމިއޮންނާނެކަމަށް ޗައިނާގެ ރައީސްގެ މެސެޖުގައިވެއެވެ.

ޝީ ޖިންޕިން ވިދާޅުވީ ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ޗައިނާއިން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމެއްކަމަށެވެ. އަދި ރައީސް ސާލިހުގެ ޒައާމަތުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ގުޅިގެން ކުރަން ތައްޔާރަށް ހުންނެވިކަމަށްވެސް ޗައިނާގެ ރައީސް ޝީ ޖިން ޕިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުއްވި މެސެޖުގައިވެއެވެ.