ޕަބްލިކް ސެކްޓަރ އޮޑިޓް ދާއިރާ ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާގެ ޕަބްލިކް ސެކްޓަރ އޮޑިޓްކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓާ ދެމެދު މިއަދު އޮންލައިންކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ޕަބްލިކް ސެކްޓަރ ގަވަރނަންސް އާއި ޕަބްލިކް ސެކްޓަރ އޮޑިޓްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރާނެއެވެ. އެގޮތުން ދެ މުއައްސަސާގެ މެދުގައި ތަމްރީނުގެ ފުރުސަތުތަކާއި ޢިލްމާއި ތަޖުރިބާ އާއި ބެސްޓް ޕްރެކްޓިސް ހިއްސާ ކުރެވިގެން ދާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައެވެ.
މިފަހުމްނާމާގައި ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއެވެ. މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓްގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ އެގައުމުގެ އޮޑިޓަރ ޖެނެރަލް ދާތުކް ނިކް އަޒްމަން ނިކް އަބްދުލް މަޖީދް އެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ސޮއިކުރެވިގެން މިދިޔަ ފަހުމުނާމާގެ ދަށުން ދެ މުއައްސަސާގެ ދެމެދުގައި އެއްބާރުލުން އިތުރުވެ، މުއައްޒަފުންގެ ޢިލްމާއި ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.