ޚަބަރު

ވޯލްޑް އެކްސްޕޯ ސަޢުދީގައި ބާއްވަން ރާއްޖެއިން ތާޢީދުކުރާކަން ހާމަކޮށްފި


2030 ވަނަ އަހަރު ބާއްވާ ވޯލްޑް އެކްސްޕޯ، ސަޢުދީ ޢަރަބިއްޔާގައި ބާއްވަން ދިވެހިރާއްޖެއިން ތާއީދުކުރާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އާލް ސަޢޫދާއިއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ފޯންކޯލްގައި، ދެޤައުމުގެ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންނާއި، ސަޢުދީ ފަންޑުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެކިދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި މަޝްވަރާތަކަށްފަހު ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އާލް ސަޢޫދު ކުރެއްވި ޓްވީޓްގައި ވަނީ ރާއްޖެއާއި ސަޢުދިއަރަބިއްޔާއަކީ ގާތް ގުޅުމެއް އޮންނަ އަދި ޤަބޫލުކުރާ އެއްގޮތް ކަންތައްތަކެއްގެ މައްޗަށް އިހްތިރާމްކުރާ ދެ ޤައުމުކަމަށެވެ. އަދި ބައިނަލްއަޤްވާމީ ގިނަ ދާއިރާތަކެއްގައި ގުޅިގެން މަސައްކަތްކުރާކަމަށްވެސް ސަޢުދިޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ވޯލްޑް އެކްސްޕޯއަކީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަމުންގެންދާ އަދި މިހާތަނަށް ދުނިޔޭގައި ބާއްވާ އެންމެ ދުވަސްވީ، އެންމެ ބޮޑު ބައިނަލްއަޤްވާމީ އެކްސްޕޯއެވެ.