ކުޅިވަރު

އަހަރަކަށް ފަހު، އެރިކްސަން ފަރިތަކުރުންތަކަށް


ފިޓްނަސް ރަނގަޅު ފެންވަރެއްގައި ބެހެއްޓުމުގެ ބޭނުމުގައި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އޭނާގެ ކުރީގެ ޓީމު އަޔަކްސްގެ ފަރިތަކުރުންތަކަށް ނުކުމެއްޖެއެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނެވެ. އެއާއެކު ދަނޑު މަތީގައި އެތައް އިރެއް ވަންދެން އެރިކްސަނަށް ފަރުވާދިންއިރު، އޭނާ ވަނީ ފަހުން ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައެވެ.

އައިސީޑީ ލައްވައިގެން ހުރެ އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެހެންކަމުން އައިސީޑީ ނުލައްވައި އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހެދި ނަމަވެސް، މި ވަގުތުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއަށް މި ސީޒަނުގެ އިޓާލިއަން ލީގުގައި ނުކުޅެވޭނެކަމަށް އިންޓައިން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ބައެއްގެ މަޝްވަރާގެ މަތިން އެރިކްސަންގެ އެއްބަސްވުން އިންޓައިން މިހާރު ވަނީ އުވާލާފައެވެ.

ޕްރޮފެޝަަނަލް ފުޓްބޯޅައިން ކުރިއަށްދާން އެރިކްސަން ނިންމާފައިވާއިރު، އަޔަކްސްއާ ގުޅެން އޭނާ ބޭނުންވާކަމަށް މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެކަމަކު އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެރިކްސަން ހޯދަން އިނގިރޭސި ކުލަބު ބްރެންޓްފޯޑުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ބްރެންޓްފޯޑުން އެރިކްސަނަށް ހަ މަސް ދުވަހުގެ އެއްބަސްވުމެއް ހުށަހަޅާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އެރިކްސަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިއްޖެނަމަ، އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެރިކްސަން ވަނީ އޭނާ ސީނިއަރ ކެރިއަރު ފެށި ކުލަބު ކަމަށްވާ އަޔަކްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.