ސިއްހަތު

ތެލެސީމިއާ ޓެސްޓްކުރުމަށް ދޭ ސަމާލުކަން އިތުރުކުރަން ގޮވާލުން


ރާއްޖެއަކީ ނިޞްބަތުން ތެލެސީމިއާ ކެރިއަރުން ގިނަ ޤައުމަކަށްވުމާއެކު، ތެލެސީމިއާ ޓެސްޓްކުރުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ޞިއްޙަތާބެހޭ ވަޒީރު، އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.އިރްތިޝާމް މިކަމާބެހޭގޮތުން ވާހަކަފުޅުދެއްކެވީ ހުޅުމާލޭ ހޮސްޕިޓަލުގައި، ތެލެސިމިއާ ޓެސްޓްކުރުމުގެ ޚިދުމަތް ހިލޭ ފެއްޓެވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ތެލަސީމިއާއަށް ޓެސްޓްކުރެވޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވައި އެމަސައްކަތް ސަރުކާރުން މިހާރު ވަނީ އިފްތިތާޙުކުރައްވާފައެވެ. ތެލަސީމިއާ ޓެސްޓްކުރަން ފަށައިގަންނައިރު، ފުރަތަމަ މި ޚިދުމަތް ދެއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހުއެވެ. އެހެންނަމަވެސް ކައިރި މުސްތަޤްބަލެއްގައި މި ޚިދުމަތަކީ ކޮންމެ ދުވަހަކު އެ ހޮސްޕިޓަލުން ފޯރުކޮށްދެއްވާ ޚިދްމަތެއްގެ ގޮތުގައި ހައްދަވާނޭކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ހިލޭ ފެށި މި ޚިދުމަތް ހޯދުމަށް ސާމްޕަލް ނަގާތާ 3 ދުވަހުގެ ތެރޭގައި ނަތީޖާ ދޫކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.ތެލަސީމިއާއަށް ޓެސްޓްކުރުން ހުޅުމާލޭ ހޮސްޕިޓަލުގައި އިފްތިތާޙު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ޞިއްޙަތާބެހޭ ވަޒީރު، އިރްތިޝާމް އާދަމް ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ތެލެސީމީޔާ ކެރިއަރުން ގިނަ ޤައުމަކަށްވެފައި، ރާއްޖޭގައި ކުރާ ކޮންމެ 30 ކައިވެންޏަކުން އެއް ކައިވެނި ވެގެންދަނީ ކެރިއަރުންގެ މެދުގައި ކުރެވޭ ކައިވެންޏަކަށް ވާތީ، ކުރިޔާލައި ތެލަސީމިއާ ޓެސްޓްކުރުން މުހިންމުކަމަށެވެ. މިއަހަރުގެ ތެރޭވެސް ތެލެސީމީޔާ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމުގައި ޞިއްޙަތާބެހޭ ވަޒީރު، އިރުތިޝާމް އާދަމް ވިދާޅުވިއެވެ.ހުޅުމާލޭގެ ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެތަނުގައި ތެލެސީމިޔާ ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައިރު، މި މަސް ނިމުމުގެ ކުރިން އެތަނުން އަލްޓްރާ ސައުންޑް ސްކޭނިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި ކުރިއަށް އޮތްތާގައި އައިސީޔޫގެ ޚިދުމަތާއި، ތުއްތު ކުދިންނަށް ޚިދުމަތްދޭ، އެން އައިސީޔޫގެ ޚިދުމަތް ފެއްޓެވުމަށް ތައްޔާރުވެވަޑައިގަންވަމުންދާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.