ޚަބަރު

ބުކީނޯ ފާސޯގައި ބަޣާވާތްކުރުމުން ޢާއްމުން އުފާފާޅުކުރަނީ


ބުކީނޯ ފާސޯގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމުން އެ ޤައުމުގެ އެތައް ހާސް ޢާއްމުންނެއް އުފާފާޅުކުރުމުގެ އެއްވުންތަކެއް ބާއްވައިފިއެވެ.

ޖަނަވަރީ މަހުގެ 25ވަނަ ދުވަހު ބުކީނޯ ފާސޯގެ އަސްކަރިއްޔާއިންވަނީ ބަޣާވާތްކޮށް އެ ޤައުމުގެ ރައީސް ޚޮކް ކަބޯޚީ ޙައްޔަރުކޮށް އެ ޤައުމުގެ ޤާނޫނުއަސާސީ އުވާލައިފައެވެ. އެއާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަޣާވާތް ކުށްވެރިކުރި ނަމަވެސް ބުކީނޯ ފާސޯގައި ހިންގަމުންދާ ފަސާދައާއި ޚިޔާނާތާއި ތަފާތުކުރުމުގެ ޢަމަލުތަކާމެދު ހިތްހަމަނުޖެހިފައިވާ އެތައް ހާސް ރައްޔިތުންނެއްވަނީ މަގުތަކަށް ނުކުމެ އުފާފާޅުކޮށްފައެވެ.

ބުކީނޯ ފާސޯގައި ކުރި ބަޣާވާތުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ އަސްކަރީ ސިފައިންގެ ބަޔަކު އަމިއްލަ އުފައްދާފައިވާ ޖަމާޢަތެއްކަމަށްވާ ޕެޓުރިއޮޓިކް މޫވުމަންޓު ފޮރ ސޭފްގާޑު އެންޑު ރިސްޓޮރޭޝަން، ޕީއެމުއެސްއާރުންނެވެ. އެ ޖަމާޢަތުންވަނީ ބުކީނޯ ފާސޯގެ ރައީސް ސޮއިކުރެއްވިކަމަށް ބުނާ އިސްތިޢުފާގެ ސިޓީއެއް ޢާއްމުކޮށްފައެވެ. ނަމަވެސް އެ ޤައުމުގެ ރައީސް ޚޮކް ކަބޯޚީ ހުންނެވި ތަނެއް އެ ޖަމާޢަތަކުން ބުނެފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ބުކީނޯ ފާސޯގައި ބަޣާވާތް ކުރުމުން އެ ޤައުމާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަޅާނެއެވެ. ބުކީނޯ ފާސޯގައި ކުރި ބަޣާވާތަކީ އެ ސަރަޙައްދުގެ ޤައުމެއްގައި 10 އަހަރުގެ ތެރޭގައި ކުރި 5ވަނަ ބަޢާވާތެވެ. އެ ގޮތުން އެންމެ ފަހުން މާލީގައި ބަޣާވާތް ކުރުމުންވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އެ ޤައުމާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ.