ޚަބަރު

އައިއެސްގެ ބާރުގެ ދަށަށް ގެންދިޔަ ޖަލެއްގައި 850 ކުޑަކުދިން ތާށިވެފައި


ސޫރިޔާގެ އިރުއުތުރުގައި އޮންނަ ރަށެއްކަމަށްވާ ޚަސަކާގެ ޖަލެއް އައިއެސް ޖަމާޢަތުގެ ބާރުގެ ދަށަށް ގެންދިޔުމުން އެ ޖަލުގައި ތާށިވެފައިވާ 850އަށްވުރެ ގިނަ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އދގެ ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރާ އިދާރާ، ޔުނިސެފުން ކަނބޮޑުވުން ފާޅުކޮށްފިއެވެ.

ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އައިއެސްސުން ދިން ޙަމަލާތަކެއްގައި އެ ޖަމާޢަތުގެ ބާރުގެ ދަށަށް ޚަސަކާގެ ޖަލެއް ގެނައުމުން އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ކުރުދީން އިސްވެ އުފައްދާފައިވާ ސީރިޔަން ޑިމޮކްރެޓިކް ފޯސް، އެސްޑީއެފުންވަނީ ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފައެވެ. ފާއިތުވި 6 ދުވަހުގެ ތެރޭގައި ބަދަލުކުރި ޙަމަލާތަކުގައި 200 ޤައިދީންނާއި އެސްޑީއެފުގެ 27 ހަނގުރާމަވެރިންވަނީ މަރުވެފައެވެ. އަދި އައިއެސްގެ 500 ހަނގުރާމަވެރިންވަނީ އަމާން ދީފައެވެ.

ޚަސަކާގެ ޖަލުގައި ތާށިވެފައިވާ 850އަށްވުރެ ގިނަ ކުޑަކުދިންނާ ގުޅޭގޮތުން ޔުނިސެފުން ބުނެފައިވަނީ އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ނާޒުކު ފައްތަރެއްގައިކަމަށާއި އެ ކުދިންނަށް ފެންނަ ގޮތަށް ބޮޑެތި ޖަރީމާތައް ހިންގުމަކީ ހިތާމަހުރި ކަމެއްކަމަށެވެ. އަދި އެ ޖަލުގައި ޢުމުރުން 12 އަހަރުގެ ކުޑަކުދިން ތިބިކަން ފާހަގަކުރަމުން ޔުނިސެފުންވަނީ ޙަމަލާތަކުގައި ޖަލުގައި ތިބި ކުޑަކުދިންގެ ޙާލަތު ދެނެގަތުމަށް ދަތިވެފައިވާކަމަށެވެ. އެހެންކަމުން ޔުނިސެފުންވަނީ ޙަމަލާބަދަލުކުރުން ހުއްޓާލައި އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައިފައެވެ.

ޚަސަކާގެ ޖަލުގައި ޙަރަކާތްތެރިވަމުންދިޔަ އައިއެސްގެ ބައެއް ހަނގުރާމަވެރިންވަނީ ޖަލުން ނުކުމެ އެ ސަރަޙައްދުގައި ކާރު ބޮމެއް ގޮށްވާލައި ޖަލު ވަށައިގެން ތިބި އެސްޑީއެފުގެ ހަނގުރާމަވެރިންނާ ކުރިމަތިލާން ފަށައިފައެވެ. އެއާއެކު އެ ސަރަޙައްދު ދޫކޮށް 45،000އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިންވަނީ ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ.