ޚަބަރު

އިންޑިއާ ޖުމްހޫރިއްޔަތަކަށް ކުރި ދަތުރު


އިނގިރޭސީންގެ އިސްތިޢުމާރުން އިންޑިޔާއަށް މިނިވަންކަން ލިބުނީ 15 އޯގަސްޓު 1947ގައެވެ. ނަމަވެސް އަމިއްލަ ޤާނޫނު އަސާސީއެއް ލިޔެ، ޤައުމުގެ ވެރިކަން ޖުމްހޫރިއްޔަތަކަށް އިންޑިއާ ބަދަލުވެފައިވަނީ 26 ޖެނުއަރީ 1950 ގައެވެ.

އެދުވަހު އިންޑިޔާގެ ފުރަތަމަ ރައީސް ރާޖެންދުރަ ޕްރަސާދު، އިންޑިޔާގެ ޤައުމީ ދިދަ ވިހުރުވާލައި، އެދުވަހަކީ ޖުމްހޫރީ ދުވަސްކަމުގައި ކަނޑައަޅުއްވައި އެއީ ރަސްމީ ބަންދު ދުވަހެއްކަމުގައި ހަމަޖެއްސެވިއެވެ.

1950ގައި އެކުލަވާލި ޤާނޫނު އަސާސީން އިންޑިޔާގެ ރައްޔިތުންނަށް އަމިއްލަ ވެރިކަމެއް ހިންގުމުގެ ބާރު ލިބިދިނެވެ. މިކަން އިންޑިއާ ޑިމްކޮރަސީގައި ކުރިއަރައި ދިޔުމަށް އިތުރު ބާރަކަށް ވިއެވެ. އަމިއްލަ ޤާނޫނު އަސާސީއެއް ވުޖޫދުވުމުގެ ކުރިން އިންޑިއާއިން އަމަލުކުރަމުން އައީ 1935 ގައި އިނގިރޭސީން އެކުލަވާލި "އިންޑިޔާ އެކްޓު" ނަމަކަށް ކިޔާ ޤާނޫނަކަށެވެ. އެ ޤާނޫނު އެކުލަވާލީ އިނގިރޭސީންގެ ރަސްގެފާނު ޖޯޖް 6ވަނައިގެ ރަސްކަމުގައެވެ.

ރައްޔިތުންގެ ހައްޤުތަކާއި ވާޖިބުތަކުގެ އިތުރުން، ވެރިކަން ހިންގަންވީގޮތާއި، ޢަދުލު އިންސާފުގެ ބާރުތައް ހިންގަންވީ ގޮތާއި، ޤާނޫނު އަސާސީ ތަންފީޒު ކުރަންވީ ގޮތްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

19 ޑިސެމްބަރު 1929ގައި އިންޑިއަން ނޭޝަނަލް ކޮންގްރެސްއިން "ޕުރްނަ ސުވަރާޖް"ގެ ނަމުގައި މިނިވަންކަމުގެ ހަރަކާތެއް އިއުލާންކުރިއެވެ. ޤާނޫނު އަސާސީ އެކުލަވާލުމަށް މަޖިލީސް އެކުލަވާލީ އިންޑިޔާގެ ލީޑަރުންނާ އިނގިރޭސި ކެބިނެޓުން ފޮނުވި ވަފުދުގެ މެންބަރުންނާ ދެމެދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހުގައެވެ. ފުރަތަމަ ބައްދަލުވުން އޮތީ 09 ޑިސެމްބަރު 1946ގައެވެ.

ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް އެތައް ފަހަރަކު ބަހުސްކުރުމަށްފަހު ޤާނޫނު އަސާސީ ފާސްކޮށްފައިވަނީ މިނިވަންކަން ލިބުނުތާ 3 އަހަރު ފަހުން 26 ޖެނުއަރީ 1950 ގައެވެ.

މިނިވަންކަން ލިބުމާއެކު ޤާނޫނު އަސާސީގެ ދެލި ކޮޕީ އެކުލަވާލުމަށް، ޤާނޫނު ހަދާ މަޖިލީހުން ކޮމެޓީއެއް އެކުލަވާލިއެވެ. މި ކޮމިޓީގެ ވެރިއަކަށް ޑރ.ބަހާ ސާހަބް އަމްބެދުކަރު އައްޔަން ކުރިއެވެ. 1930 މާއްދާގެ މައްޗަށް އެކުލެވޭ މި ޤާނޫނު އަސާސީއަށް އަމަލުކުރަން ފަށަން ދެމަސް ދުވަސް ހޭދަވިއެވެ.

މިއަދު ފާހަގަކުރަމުން ދަނީ އިންޑިޔާގެ 72ވަނަ ޖުމްހޫރީ ދުވަހެވެ.