ސިޔާސީ

ނާޒިމްގެ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި


އެގާރަ އަހަރުގެ ޖަލު ޙުކުމެއްގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް މުޙައްމަދު ނާޒިމްގެ އިސްތިޢުނާފްގެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމަވާލައްވައިފިއެވެ.ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލުމަށް ދަށުކޯޓުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި ނާޒިމް ހުށައެޅުއްވި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމަވާލެއްވި ނަމަވެސް އެ މައްސަލައިގައި ޙުކުމް ކުރައްވާނެ ދުވަހެއް ހައިކޯޓުން އިޢުލާނެއް ނުކުރައްވައެވެ. މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރައްވަން ނެތްނަމަ ދެން އޮންނާނީ ޙުކުމް ކުރެއްވުން ކަމަށެވެ.މި މައްސަލައިގައި މިއަދު ބޭއްވެވި ފަހުއަޑުއެހުމުގައި ދެ ފަރާތުންވެސް ޚުލާޞާ ބަޔާން ހުށައަޅުއްވާފައިވެއެވެ. އަދި މި މައްސަލާގައި މީގެ ކުރިން ސިއްރުން ބޭއްވެވި އަޑުއެހުމެއްގައި ބައެއް ހެކިންގެ ހެކިބަސް ނަންގަވާފައިވާތީ އެ ހެކިންގެ ހެކިބަހާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ދިހަވަރަކަށް މިނެޓަށް ޝަރީޢަތުގެ މަޖިލިސް ސިއްރުކުރައްވައިގެން ކުރިޔަށް ގެންދެވިއެވެ. މި މައްސަލައިގައި ޚުލާޞާ ބަޔާން އިއްވުމަށްފަހު ދަށުކޯޓްގެ ނިންމުން ބާޠިލްކޮށްދިނުމަށް ނާޒިމްގެ ފަރާތްތުން އެދިފައިވެއެވެ. ދައުލަތުން އެދިވަޑައިގެންފައިވަނީ ހެކިންގެ ހެކިބަހަށް ރިޢާޔަތްކުރައްވައި ފައިސާލާކުރެނިވި ޙުކުމެއް ކޮށްދެއްވުމަށެވެ. ކާރނަލް މުޙައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ދަށުކޯޓުން ޙުކުމްކުރައްވާފައިވަނީ އެނާ ދިރިއުޅުއްވާ އެޕާރޓްމެންޓުން ފިސްތޯލެއް ފެނުނު މައްސަލާގައެވެ.