ކުޅިވަރު

ތައްޔާރުވަމުން ދިޔަ ބައެއް ކުޅިވަރުތަކުން ގޭމްސްގައި ވާދަނުކުރެވޭ


އަންނަ މަހު އިންޑިޔާގައި އޮންނަ ސައުތް އޭޝިޔަން ގޭމްސްއަށް ތައްޔާރުވަމުން ދިޔަ ބައެއް ކުޅިވަރުތަކަށް ގޭމްސްގައި ބައިވެރި ނުވެވޭގޮތް ވެއްޖެއެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލްސެކެޓްރީ އަހުމަދު މަރުޒޫޤް ވިދާޅުވީ އެހެން ދިމާވީ އުއްމީދުކުރެވޭ ކުޅިވަރުތަކުން ގޭމްސްގައި ވާދަކުރުމަށް ފުރުޞަތު ދިނުމުގެ ވިސްނުމުގައި ސަރުކާރުން ބަޖެޓްދޭން ނިންމުމުންނެވެ. ސްޕޯރޓްސް ކައުންސިލުން ނިންމާފައިވާގޮތުން ހޭންޑްބޯޅަ ދެޓީމާއި، ބާސްކެޓާއި، އަންހެން ފުޓްބޯޅަ ޓީމާއި، ޓީޓީ ފިރިހެން ޓީމްވެސް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކުޅިވަރުތަކުގެ ލިސްޓްގައި ހިމަނާފައިނުވެއެވެ. އެކުޅިވަރުތަކަށް ސަރުކާރުން ބަޖެޓް ނުދޭން ނިންމާފައިވާކަމަށް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤް ވިދާޅުވިއެވެ. މީގެއިތުރުން އެތްލެޓިކްސްގައިވެސް ވާދަކުރާނީ ހަމައެކަނި ފިރިހެން އެތްލީޓުންނެވެ. ޓެނިހުގައި ވާދަކުރާނީ ދެ ކުޅުންތެރިންނެވެ. މަރުޒޫޤް ވިދާޅުވީ ސަރުކާރުގެ ނިންމެވުމަށް އިހްތިރާމްކުރައްވާކަމަށާއި، ނަމަވެސް މިކަމާއި ގުޅިގެން ފުރުޞަތު ގެއްލުނު އެސޯސިއޭޝަންތަކާއި މާދަމާ މަޝްވަރާކުރައްވާނެކަމަށެވެ." އެކުޅިވަރުތަކުން އަމިއްލައަށް ޚަރަދުކޮށްގެން ބައިވެރިވާން ތައްޔާރުތޯ އަޅުގަނޑުމެން ބަލާނަން. އެކަން ބެލުމަށްފަހު މާދަމާ އެކްސްކޯއެއް ބާއްވައި ގޮތެއް ނިންމާނަން. މިހެން މިދެންނެވީ ބައެއް ކުޅިވަރުތަކުން ވަރަށް ދުރާލާ ތައްޔާރުވަމުން އަންނަނީ ގޭމްސްއަށް. ސަރުކާރުގެ ނިންމުމަށް އަޅުގަނޑު އިހްތިރާމްކުރަން. " މަރުޒޫޤް ވިދާޅުވިއެވެ.ސަރުކާރުން ޚަރަދުކުރައްވަން ނިންމެވި ކުޅިވަރުތަކުގެ ތެރޭގައި ވޮލީބޯޅަ ދެޓީމް ހިމެނެއެވެ. ބެޑްމިންޓަންގައިވެސް ފިރިހެން ކުޅުންތެރިންގެ އަދަދު ވަނީ މަދުކޮށްފައެވެ.