ވިޔަފާރި

ދިވެހި އުފެއްދުންތަކަށް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް


މިހާރު މާލޭ ބަނދަރުގައި އޮތް ޖަޕާންގެ ކްރޫޒްލައިނަރ"ޕީސް ބޯޓް" ގެ ފަތުވެރިންނަށް ޚާއްޞަކޮށް އަމިއްލަ އުފެއްދުންތައް ވިއްކަން ހުޅުވި ކައުންޓަރަށް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެކައުންޓަރުގައި އަމިއްލަ އުފެއްދުންތައް ވިއްކަން ތިބި ފަރާތްތަކުން ބުނެފިއެވެ.މިހާރު މާލޭ ބަނދަރުގައި އޮތް ޖަޕާންގެ ކްރޫޒްލައިނަރ "ޕީސް ބޯޓް" ގެ ފަތުވެރިންނަށް ޚާއްޞަ ކޮށްގެން ހުޅުއްވި މި ކައުންޓަރުގައި އަމިއްލަ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް އެހީތެރިވެދީ މި އުފެއްދުންތައް ފަތުރުވެރިންނަށް ވިއްކުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވާފައިވަނީ ފިޝަރީޒް މިނިސްޓްރީނެވެ.މި ކައުންޓަރުގައި ތަކެތި ވިއްކަން ތިބި ފަރާތްތަކުން ބުނީ،  އުއްމީދު ކުރިރަށްވުރެ ވިޔަފާރި ރަނގަޅުކަމުގައެވެ. އެގޮތުން މިތަނުން ރީތިވާ ސާމާނު ވިއްކައިގެން އިއްޔެ އެކަނިވެސް ފަސް ސަތޭކަ ޑޮލަރު ލިބުނުކަމަށް މި ފަރާތްތަކުން ކިޔައިދިނެވެ. މި ބާވަތްތަކަކީ ދިވެހިންގެ އަމިއްލަ އުފެއްދުންތަކަށް ވުމުން މި ބޯޓްގެ ފަތުވެރިންގެ ސަމާލުކަން މިތަކެއްޗަށް ލިބޭކަމަށްވެސް ތަކެތި ވިއްކަން ތިބި ފަރާތްތަކުން ބުންޏެވެ. އަމިއްލަ އުފެއްދުންތައް ކުރިއަރުވަން މިއީ ލިބިގެންދާ ބޮޑު ފުރުސަތަކެއްކަމަށް ކޯޕަރޭޓިވްސްތަކުންނާއި ސަބާ ޕްރޮޖެކްޓްގެ ފަރާތުން މިކައުންޓަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރެއެވެ. އިއްޔެ ހެނދުނު އަށެއްޖެހިއިރު ހުޅުވި މިކައުންޓަރ މިއަދުވެސް ހަވީރު ފަސްގަޑިބައިވަންދެން ހުޅިވިފައި ހުންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. ޖަޕާންގެ ކްރޫޒްލައިނަރ ޕީސް ބޯޓުން ޖުމްލަ އަށްސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ދަތުރުކުރެއެވެ.