ޚަބަރު

ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް އުރީދޫއާއި ދިރާގަށް


އަލަށް އެކުލަވާލި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް، އުރީދޫއާއި ދިރާގަށް ދީފިއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމާއި، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް ވިލަރެސްކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.

މޯލްޑިވްސް ޕަބްލިކް ލިމިޓް (އުރީދޫ މޯލްޑިވްސް) އަށް ދޫކޮށްފައިވަނީ ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި ރެމިޓަންސް ޚިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްއެވެ. އަދި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓް (ދިރާގު)އަށް ދޫކޮށްފައިވަނީ ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީިން މި ދެ ކުންފުންޏަށްވެސް ލައިސަންސް ދޫކޮށްފައިވަނީ މިމަހުގެ 18ވަނަ ދުވަހުއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ޕޭމަންޓްގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއެކު، މި ދެ ކުންފުނިންވެސް ޕޭމަންޓް ޚިދުމަތް ދެމުންގެންދާނީ މި ލައިސަންސްގެ ދަށުންނެވެ. މިއާއެކު ކުރިން އުރީދޫ މޯލްޑިވްސް އާއި ދިރާގަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ވަނީ ބާތިލް ކޮށްފައެވެ.

މި ލައިސަންސްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އަލަށް ތައާރަފް ކުރުމަށް ނިންމާފައިވާ ރެމިޓަންސް ޚިދުމަތަކީ، އެ ކުންފުނިން ދެމުންގެންދާ އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީޤުކުރެއްވީ މިދިޔަ އަހަރުގެ މޭ 18ގައެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުން ހިމެނެއެވެ.

އެމްއެމްއޭއިން ވިދާޅުވީ އެ އޮތޯރިޓީން މަސައްކަތްކުރަމުން ގެންދަނީ ކުރިއަށް އޮތްތަނުގައިވެސް، ޤައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް ވިއުގައެއް މެދުވެރިކޮށް ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.