ޚަބަރު

ނިޔު ޒީލޭންޑުގައި އެޅި ފިޔަވަޅުތަކާއެކު ބޮޑުވަޒީރުގެ ކައިވެނި ފަސްކުރަން ޖެހިއްޖެ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ނިޔު ޒީލެންޑުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުން އެ ޤައުމުގެ ބޮޑުވަޒީރު ޖަސީންޑާ އާޑެންގެ ކައިވެނި ފަސްކުރަައްވަން ނިންމަވައިފިއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރުން ހުއްޓުވުމަށް ނިޔު ޒީލެންޑުގެ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުގައިވަނީ ރަތް އިންޒާރު އިޢުލާންކޮށްފައެވެ. ނިޔު ޒީލެންޑުގެ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިޢުލާންކުރައްވަމުން ޖަސީންޑާ ވިދާޅުވީ އެ ނިންމުމާއެކު އޭނާގެ އަމިއްލުފުޅު ކައިވެނި ފަސްކުރައްވާނެކަމަށާއި އޭނާއަށް ކުރިމަތިވެވަޑައިގަތް ޙާލަތާ އެއްގޮތް ޙާލަތްތަކެއް ދިމާވާނެ ރައްޔިތުންނާމެދު ހިތާމަކުރައްވާކަމަށެވެ. އަދި ދިރިއުޅުމުގައި އެފަދަ ދަތިތަކާ ކުރިމަތިލާން ޖެހޭނެކަން ޤަބޫލުކުރަން ޖެހޭކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. ޖަސީންޑާ ކައިވެނިކުރައްވާ ތާރީޚެއް ޢާއްމުކޮށް އިޢުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ނިންމަވައިގެން ހުންނެވީ ކުރިޔަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނިކުރެއްވުމަށްކަމަށް ބެލެވެއެވެ.

އޮމިކްރޯން ފެތުރުން ހުއްޓުވުމަށް ނިޔު ޒީލެންޑުގެ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާސްކު ނާޅައި އުޅެވޭނެ ތަންތަން މަދުކުރުމާއި 100އަށްވުރެ ގިނަ މީހުން ބައިވެރިވާ އެއްވުންތަކާއި ހަފުލާތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އަދި ވެކްސިން ޖެހިކަން ޔަޤީންނުކުރާ ތަންތަނަށް ނުވަތަ އެއްވުންތަކުގައި ބައިވެރިވެވޭނީ 25 މީހުންނަށްކަމަށްވެސްވަނީ ކަނޑައަޅައިފައެވެ.

2020ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ނިޔު ޒީލެންޑުގެ ސަރަޙައްދީ ރޮނގުތައް އޮތީ ބަންދުކޮށްފައެވެ. ނަމަވެސް ޚާއްޞަ ޙުއްދައަކާއެކު އަދި ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެކަހެރިވާނަމަ ނިޔު ޒީލެންޑަށް އެތެރެވުމުގެ ފުރުޞަތު އޮވެއެވެ.

ކޯވިޑް-19އާ ދެކޮޅަށް އެންމެ ރަނގަޅު ފިޔަވަޅުތަކެއް އަޅާކަމަށް ފާހަގަވެފައިވާ ނިޔު ޒީލެންޑުގައި ޢުމުރުން 12 އަހަރުން މަތީގެ އާބާދީގެ %94 މީހުންވަނީ ވެކްސިންގެ 2 ޑޯސް ފުރިހަމަކޮށްފައެވެ. އަދި އެ ޤައުމުގެ %56 މީހުންވަނީ ވެކްސިންގެ ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް ޖަހައިފައެވެ.