ކުޅިވަރު

ބަންގްބަންދް ގޯލްޑްކަޕްގައި ނުކުޅެން ކީޕަރު އިމްރާން ނިންމައިފި


އަންނަ ހުކުރު ދުވަހު ބަނގްލަދޭޝްގައި ފަށާ ބަންގްބަންދް ގޯލްޑްކަޕްގައި ނުކުޅެން ކީޕަރު އިމްރާން މުޙައްމަދު ނިންމައިފިއެވެ. އަނިޔާގައި ގިނަ ދުވަހު ހޭދަކުރުމަށްފަހު ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ރާއްޖޭގެ އެއްވަނަ ކީޕަރު އިމްރާން ބުނީ އޭނާ އެގޮތަށް ނިންމީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތާއި، ތަޖުރިބާ ހޯދަން ފުރުޞަތުދޭންކަމަށެވެ.އަދި އެނިންމުން ނިންމީ ޤައުމީ ކޯޗު ރިކީ ހާބަޓްއާއި މަޝްވަރާކުރުމަށްފަހުކަމަށް އިމްރާން ފޭސްބުކްގައި ބުނެފައިވެއެވެ. އެއީ އުނދަގޫ ނިންމުމެއްކަމަށްވެސް އިމްރާން ބުންޏެވެ. މީގެއިތުރުން އަމިއްލައަށް ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް މިވަގުތު ހުރިކަން ޤަބޫލުކުރެވޭކަމަށްވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު ބުނެފައިވެއެވެ. ހުރިހާ ކުޅުންތެރިންނަށް ކާމިޔާބީއަށް އެދެމުން އިމްރާން ބުނީ ޓީމަށް އެހީވުމަށް އޭނާއަށް ކޮށްދެވެން އޮތް ކޮންމެ ކަމެއްކޮށްދޭނެކަމަށެވެ. މިމުބާރާތުގައި ޤައުމީ ކެޕްޓަން އަލީ އަޝްފާޤާއި އެހެން ބައެއް ކުޅުންތެރިންވެސް ނުކުޅޭނެކަމަށް މައުލޫމާތުލިބެއެވެ.