ޚަބަރު

އަދާލަތުން ނިންމީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދުކުރުމަށް


އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ތާއީދުކުރާ ކެނޑިޑޭޓަކީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު ކަމަށް އެޕާޓީން ނިންމައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދާއި، އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަޠުޙީ އާދަމާއި، ދާދިފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ ކެނޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސްއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތުން ތާއީދު ކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ތާއީދު ކުރާނެ ކެނޑިޑޭޓަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައިވާތީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ތާއީދު ކުރުމަށެވެ. އަދާލަތު ޕާޓީން މިހެން ނިންމާފައިވާއިރު، އަދާލަތު ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީއާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގެންދަވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

އަދާލަތު ޕާޓީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީންވެސް ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދުކުރުމަށް ނިންމާފައެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމްއިން ވަނީ ވަކި ކެނޑިޑޭޓަކަށް ތާޢީދުނުކޮށް، ރައްޔިތުންގެ ވިސްނުމުގައި އެންމެ ރަނގަޅު ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް އިލްތިމާސްކޮށްފައެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ މި އިންތިޚާބު ވާދަވެރި އިންތިޚާބަކަށް ވެފައިވާއިރު، ކެނޑިޑޭޓުން ގެންދަވަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.