ޚަބަރު

ޖޮންސަންގެ ތާޢީދު ބޮޑުތަނުން ދަށަށް، ސުކޮޓުލޭންޑުން ބޭނުންވަނީ މިނިވަންކަން


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންނަށް އޮންނަ ތާޢީދު ބޮޑުތަނުން ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި އިނގިރޭސި ދަޢުލަތުގެ ދަށުގައި އޮންނަ ސުކޮޓުލޭންޑުގެ ގިނަ ރައްޔިތުން މިނިވަންކަން ބޭނުންވާކަން ސާވޭއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ ދިރާސާކުރައި ކުންފުންޏަކުން ކުރި ޚިޔާލު ހޯދުމުގެ ސާވޭއަކުން ދެއްކި ގޮތުގައި އިނގިރޭސި ދަޢުލަތުން މިނިވަންވުމަށް ސުކޮޓުލޭންޑުގެ %46 ރައްޔިތުން ބޭނުންވެއެވެ. އަދި އިނގިރޭސި ދަޢުލަތުގެ ދަށުގައި އޮތުމަށްވެސް ސުކޮޓުލޭންޑުގެ %46 ރައްޔިތުން ބޭނުންވެއެވެ. ނަމަވެސް %8 މީހުން ވަކި ގޮތަކަށް ތާޢީދުކޮށްފައެއް ނުވެއެވެ. ކުރީ ޢަދަދުތަކަށްވުރެ އިނގިރޭސި ދަޢުލަތުން މިނިވަންވުމަށް ބޭނުންވާ ސުކޮޓުލޭންޑުގެ ރައްޔިތުންގެ ނިޞްބަތްވަނީ %1 އިތުރުވެފައެވެ. އަދި އިނގިރޭސި ދަޢުލަތުގެ ދަށުގައި އޮތުމަށް ބޭނުންވާ ސުކޮޓުލޭންޑުގެ ރައްޔިތުންގެ ނިޞްބަތްވަނީ %2 ދަށްވެފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި އިނގިރޭސި ދަޢުލަތުގެ ދަށުގައި އޮންނަން ފެނޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ދައްކާފައިވަނީ ސުކޮޓުލޭންޑުގެ %55 ރައްޔިތުން ބޭނުންވަނީ އިނގިރޭސި ދަޢުލަތުގެ ދަށުގައި އޮންނަންކަމަށެވެ. އަދި އިނގިރޭސި ދަޢުލަތުން ވަކިވުމަށް ތާޢީދުކޮށްފައިވަނީ %44 މީހުންނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިނގިރޭސި ދަޢުލަތުން ވަކިވުމަށް ބޭނުންވާ ސުކޮޓުލޭންޑުގެ ރައްޔިތުންގެ ނިޞްބަތްވަނީ އިތުރުވެފައެވެ.

ސުކޮޓުލޭންޑުގެ ރައްޔިތުންގެ މެދުގައި ޖޮންސަންނަށް އޮންނަ ތާޢީދުވެސްވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެ ގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ފަހުން ޖޮންސަންނަށް އޮތް ތާޢީދުވަނީ %16 ދަށަށް ގޮސްފައެވެ.