ޚަބަރު

ބަންގުލަދޭޝްގައި ބަލިފެތުރުން އިތުރުވުމުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް


ބަންގުލަދޭޝްގައި ކޯވިޑް-19 ފެތުރުން އިތުރުވުމުން އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ބަންގުލަދޭޝްގައި ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ނިޞްބަތް %28.5އަށް އިތުރުވެފައިވާކަމަށެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 11,434 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ މިދިޔަ އޮގަސްޓު މަހުގެ 9ވަނަ ދުވަހުގެ ފަހުން އެ ޢަދަދުތައް އެ ނިޞްބަތުން އިތުރުވި ފުރަތަމަ ފަހަރެވެ.

ބަންގުލަދޭޝްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ނިންމައި އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ މަދަރުސާތައް އަލުން ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ދޮޅު އަހަރުދުވަހު އެ ޤަައުމުގެ މަދަރުސާތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މީގެ 4 މަސްދުވަސް ކުރިންނެވެ.

ބަންގުލަދޭޝްގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ 100އަށްވުރެ ގިނަ މީހުން ބައިވެރިވާ ހަފުލާތައް ބޭއްވުންވެސް މަނާކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ދީނީ އަދި ސިޔާސީ އެއްވުންތައް ހިމެނެއެވެ. އެ ވުޒާރާއިން ބުނެފައިވަނީ ބަލިޖެހޭ މީހުންގެ ޢަދަދުތައް ދަށަށް ނުދާނަމަ އެ ޤައުމުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ނިޒާމަށް ބާރުބޮޑުވެ ޙާލުދެރަވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ. އެ ގޮތުން ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ ތިންބައިކުޅަ އެއްބައި ހަސްފަތާލު އެނދުތައް މިހާރުވެސް ފުރިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ބަންގުލަދޭޝްގައި ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި ކުރީ ސަފުގައި ޙަރަކާތްތެރިވާ މީހުންނަށް ކޯވިޑް-19ގެ ވެކްސިންގެ 3ވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް ދޭންވަނީ ފަށައިފައެވެ. 165 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގުލަދޭޝްގެ %47 މީހުންވަނީ ވެކްސިންގެ 2 ޑޯސް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ޢުމުރުން 12 އަހަރާއި 17 އަހަރުގެ 2.89 މިލިޔަން ކުދިންވެސް ހިމެނެއެވެ.

2020ވަނަ މާރިޗު މަހުގެ ތެރޭގައި ބަންގުލަދޭޝްގައި ކޯވިޑް-19 ފެތުރެން ފެށުނު ފަހުން އެ ޤައުމުގައި ޖުމުލަ 1.66 މިލިޔަން މީހުންނަށް ބަލިޖެހި 28,192 މީހުންވަނީ މަރުވެފައެވެ.