ޚަބަރު

ސިފައިންގެ އިތުރު 43 މީހަކު ބޮޑީގާޑުންގެ ގޮތުގައި ތަމްރީންކޮށްފި


ތޭރަވަނަ ބޮޑީ ގާޑުން ތަމްރީންކުރުމުގެ ކޯހުގައި 43 ސިފައިން ދަސްވެނިވެއްޖެއެވެ. 13 ވަނަ ބެޗުގެ "އޮނަރ ގްރެޖުއޭޓް އެވޯޑު" ޙާސިލްކޮށްފައިވަނީ ޕްރައިވެޓް ހަސަން އަޒުވަރެވެ.

ތޭރަވަނަ ބޮޑީ ގާޑުން ތަމްރީންކުރުމުގެ ކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގައެވެ. މިކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ކޯހުގައި ބައިވެރިވި 45 ސިފައިންގެ ތެރެއިން 43 ސިފައިންވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލުކޮށްފައިވާކަމަށެވެ. މިކޯހުގައި ޕްރެޒިޑެންޝިއަލް ގާޑްސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި އެމްޑީޔޫ3އާއި މިލިޓަރީ ޕޮލިހާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާއި ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާއި އާޓްސް އެންޑް ސެރެމޯނިޔަލް ސަރވިސްއަށް ނިސްބަތްވާ ސިފައިންވަނީ ބައިވެރިވެފައެވެ.

ތިން މަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިކޯހުގައި ހަތިޔާރުގެންގުޅުމާއި ބޮޑީ ގާޑުންގެ ގޮތުގައި ޙަރަކާތްތެރިވާއިރު ބޭނުންކުރާނެ އުކުޅުތަކާއި ހަށިހެޔޮކޮށް ހުރުމުގެ ތަމްރީނާއި ކޮންޓެކްޓް ޓެކްނީކްސްއާއި ވޯޓަރމެންޝިޕްއާއި ކުއްލިޙާލަތުގައި ސިއްޙީ ފަރުވާ ދިނުމުގެ ދާއިރާއިންވަނީ ތަމްރީން ދީފައެވެ. ކޯހުގައި "އޮނަރ ގްރެޖުއޭޓް އެވޯޑާއި" "ބެސްޓް ޝޫޓަ އެވޯޑު"ވެސް ޙާސިލްކޮށްފައިވަނީ ޕްރައިވެޓް ހަސަން އަޒުވަރެވެ.އަދި "ފިޓެސްޓް އެވޯޑް: ޙާސިލްކޮށްފައިވަނީ ޕްރައިވެޓް މުޙައްމަދު މުނީފެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވަނީ ބޮޑީ ގާޑުންގެ ގޮތުގައި ޙަރަކާތްތެރިވާ ސިފައިންނަކީ ސިޔާސީގޮތުން އެއްވެސް ކޮޅަކަށް ނުޖެހި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބަޔަކަށްވުމަށް އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައިވަނީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގައި އެމަނިކުފާނުގެ ހަށިފާރަވެރިން ގޮތުގައި މަސައްކަތްކުރެއްވި ސިފައިންގެ ބޭކަލުންގެ ހިތްވަރާއި ހުޝިއާރުކަމާއި އެބޭކަލުންގެ ޕްރޮފެޝަނަލިޒަމްގެ ފުރިހަމަ ނަމޫނާއިން މިސާލު ނެންގެވުމަށް ކޯހުގެ ބައިވެރިނަށް ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން، އެމްއެންޑީއެފް ސަދަރން އޭރިޔާގައި ޙަރަކާތްތެރިވާ އެކި ރޭންކުގެ ސިފައިންވަނީ ބައިވެރިވެފައެވެ.
މިރަސްމިއްޔާތަށްފަހު، މިނިސްޓަރ އޮފް ޑިފެންސާއި ޗީފް އޮފް ޑިފެންސް ފޯރސްވަނީ 13ވަނަ ބޮޑީގާޑު ޓްރެއިނިންގ ކޯހުގެ ދަސްވެނިންގެ ޑިމޮންސްޓްރޭޝަން ބައްލަވާލައްވާފައެވެ. ބޮޑީގާޑުން ތަމްރީންކުރުމުގެ ކޯސް 2015 ވަނަ އަހަރު މެދުކަނޑާލާފައި އޮތުމަށްފަހު 2020 ވަނަ އަހަރު އަލުންވަނީ ތަމްރީންތައް ފަށާފައެވެ.