ޚަބަރު

އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް


އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ފަށައިފިއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރުން ހުއްޓުވުމުގެ ގޮތުން އިންޑިޔާގެ ގިނަ ސުޓޭޓުތަކުގެ ސަރަޙައްދީ ސަރުކާރުތަކުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދުތައްވަނީ ދަށަށް ގޮސްފައެވެ. އެއާއެކު އެ ޤައުމުގެ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދޭންވަނީ ނިންމައިފައެވެ. ނަމަވެސް އޮމިކްރޯންގެ އެންމެ ނުރައްކާތެރި ޙާލަތު އިންޑިޔާއަށް އަދި ކުރިމަތިނުވާކަމަށް ޞިއްޙީ ތަޖުރިބާކާރުންވަނީ އިންޒާރުދީފައެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީގައި މިދިޔަ ޖަނަވަރީ މަހުގެ 13ވަނަ ދުވަހު 28,867 މީހުންނަށް ބަލިޖެހުނެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ނިޔު ދިއްލީގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދެބައިކުޅަ އެއްބަޔަށް ދަށަށް ގޮސްފައެވެ. އަދި ނިޔު ދިއްލީގައި ކޯވިޑް-19އަށް ފަރުވާ ދިނުމަށް ޚާއްޞަކޮށްފައިވާ މަރުކަޒުތަކުގެ އެނދުތަކުގެ %80 ބޭނުންކުރަމުންނުދާކަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އެއާއެކު ނިޔު ދިއްލީގައި ހަފުތާ ބަންދާ ދިމާކޮށް ބޭރަށް ނުކުތުން މަނާކޮށްފައިވާ ނިންމުން އުވާލުމަށްވަނީ ނިންމައިފައެވެ. ޖަނަވަރީ މަހުގެ 4ވަނަ ދުވަހު ނިޔު ދިއްލީގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި މަދަރުސާތަކާއި ކައިބޮއިހަދާ ތަންތަނާއި ސަރުކާރު އަދި އަމިއްލަ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތައް ބަންދުކުރުމަށްވެސްވަނީ އަންގައިފައެވެ. ނަމަވެސް އެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާކަމެއް އަދި ނޭނގެއެވެ.

އިންޑިޔާގެ އެންމެ މުއްސަނދި ސުޓޭޓުކަމަށްވާ މަހާރާޝްތުރާގައިވެސް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދަށަށް ދާން ފަށައިފައެވެ. ނަމަވެސް އިންޑިޔާގައި އަދިވެސް އެންމެ ގިނަ މީހުންނަށް ބަލިޖެހެނީ އެ ސުޓޭޓުގައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަހާރާޝްތުރާގައި 43,697 މީހުންނަށްވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން 6,032 މީހުންނަށް ބަލިޖެހިފައިވަނީ އެ ސުޓޭޓުގެ ވެރިރަށް އަދި އިންޑިޔާގެ ވިޔަފާރީގެ މަރުކަޒު މުންބާއީންނެވެ. މަހާރާޝްތުރާގެ ސަރަހައްދީ ސަރުކާރުން ބުނެފައިވަނީ ޢާއްމުން އެދެމުންދާތީ އެ ސުޓޭޓުގެ މަދަރުސާތައް ހުޅުވަން ނިންމާފައިވާކަމަށެވެ. ނަމަވެސް އިތުރަށް ދޭން ނިންމި ލުއިތަކެއް އެ ސުޓޭޓުގެ ސަރަހައްދީ ސަރުކާރުން ބުނެފައެއް ނުވެއެވެ.

އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ނިންމި ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށްވަނީ ބަލިޖެހިފައެވެ. އެ ގޮތުން 317,532 މީހުންނަށް ބަލިޖެހި 491 މީހުންވަނީ މަރުވެފައެވެ. އެއީ ފާއިތުވި 8 މަސްދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު އެ ނިޞްބަތުން އިތުރުވި ފުރަތަމަ ފަހަރެވެ.