ޚަބަރު

ފުރަތަމަ އަހަރު އެދެވޭ މަސައްކަތެއް ނުކުރެއްވުނުކަމަށް ބައިޑަން ވިދާޅުވެއްޖެ


އެމެރިކާގެ ރައީސްގެ މަޤާމުގައި ހޭދަކުރެއްވި ފުރަތަމަ އަހަރުގެ ތެރޭގައި އެދެވޭ މަސައްކަތްޕުޅެއް ނުކުރެއްވުނުކަމަށް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

މަދުން ނޫނީ ނޫސްވެރިންނާ ބައްދަލުނުކުރައްވާ އެމެރިކާގެ ރައީސް ބައިޑަން އެ ޤައުމުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން އުއްމީދު ކުރިވަރުގެ މަސައްކަތްޕުޅެއް އޭނާއަށް ނުކުރެއްވުނީ ކުރިމަތިވެވަޑައިގަތް ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުންކަމަށެވެ. އެ ގޮތުން ކޯވިޑް-19 ބަލިމަޑުކަމާއި އިޤްތިޞާދު ހީނަރުވުމުގެ ސަބަބުން އޭނާ ބޭނުންވެވަޑައިގަތް މިންވަރަށް މަސައްކަތްޕުޅެއް ނުކުރެއްވުނުކަމަށް އޭނާވަނީ އިޢުތިރާފުވެވަޑައިގެންފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިޑަން ވިދާޅުވީ އޭނާގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ. ޚާއްޞަކޮށް ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ބައްޔަށް ތަޙްލީލުކުރާ ނިޞްބަތް އިތުރުކުރުން މުޙިއްމުކަމަށް އޭނާ ވިދާޅުވިއެވެ. ފާއިތުވި ދުވަސްތަކުގައި ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު އެމެރިކާގައި ފެތުރެން ފެށުމާއެކު ބައެއް ދުވަސްދުވަހު އެ ޤައުމުގައި 1 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ.

2022ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ޢާއްމު ރައްޔިތުންނާ ބައްދަލުކުރައްވާ ޙާލަތު އޮޅުންފިލުއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވަމުން ބައިޑަންވަނީ ރިޔާސީ އިންތިޚާބުގެ ކެންޕޭން ދުވަސްވަރު އޭނާ ވެވަޑައިގަންފައިވަނީ ނުފުއްދެވޭނެވަރުގެ ވަޢުދުތަކެއްކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށެވެ. އެ ގޮތުން އެމެރިކާގެ ހީނަރުވެފައިވާ އިޤްތިޞާދުގެ ސަބަބުން އައު ވިޔަފާރިތަކާއި އައު ވަޒީފާތައް އުފެއްދުމުގައި އުނދަގޫތަކެއް ކުރިމަތިވެވަޑައިގަތްކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިކަމުގެ ފުަރަތަމަ އަހަރު އެދެވޭ މަސައްކަތްޕުޅެއް ނުކުރެއްވުމުން ބައިޑަންނަށް އޮތް ޢާއްމުންގެ ތާޢީދުވަނީ ދަށަށްދާން ފަށައިފައެވެ. ނަމަވެސް އޭނާ ވިދާޅުވެފައިވަނީ ޚިޔާލު ހޯދުމުގެ ސާވޭތައް އޭނާ ޤަބޫލުނުކުރައްވާކަމަށާއި 2024ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށެވެ. އަދި އޭނާގެ ނައިބު ރައީސް ކަމާލާ ހެރިސްސަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ރިޔާސީ ޓިކެޓުގައި އޭނާ ހިމަނުއްވާނެކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރިޔާސީ ހުވައި ކުރެއްވި ބައިޑަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައިވަނީ އެންމެ 9 ފަހަރުއެވެ.