ޚަބަރު

އިރުމަތީ ޤުދުސްގައި ޔަހޫދީންގެ ގެދޮރު އެޅުން ހުއްޓާލުމަށް ވިލާތުގެ ޤައުމުތަކުން ގޮވާލައިފި


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސްގައި ޔަހޫދީންނަށް ގެދޮރު އެޅުން ހުއްޓާލުމަށް ވިލާތުގެ ނުފޫޒުގަދަ ޤައުމުތަކުން ގޮވާލައިފިއެވެ.

ޙައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސަރުކާރުންވަނީ އިރުމަތީ ޤުދުސްގައި ޔަހޫދީން އާބާދުކުރުމަށް 3،500 ގެދޮރު އެޅުމަށް ނިންމައިފައެވެ. އޭގެ ތެރެއިން ގިނަ ގެދޮރު އެޅުމަށް ނިންމާފައިވަނީ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުންދާ ސަރަޙައްދުތަކުގައެވެ.

ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތާއި ސުޕެއިނުގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔަހޫދީންގެ ނިންމުމުގެ ސަބަބުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް މުޅިން ވަކިވެ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތަކަށް ހުރަސްއެޅޭނެކަމަށެވެ. އަދި ޔަހޫދީންގެ ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރި އެ މީހުންގެ ގެދޮރުން ނެރެ އިމާރާތްތައް ސުންނާފަތިކުރަމުންދާ މައްސަލަވެސް އެ ބަޔާނުގައި ކުށްވެރިކޮށްފައިވެއެވެ. ވިލާތުގެ ނުފޫޒުގަދަ ޤައުމުތަކުން ނެރުނު ބަޔާނާ ގުޅޭގޮތުން އިސްރާއީލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްރާއީލުން އިރުމަތީ ޤުދުސް އިސްތިޢުމާރުކޮށްފައިވަނީ 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައެވެ. އަދި އޭގެ ފަހުން އިސްރާއީލުންވަނީ އިރުމަތީ ޤުދުސްސަކީ އެ ޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ނަމަވެސް އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގެންފައިވާ ނިންމުމެއް ނޫނެވެ. އިރުމަތީ ޤުދުސްސަކީ މުސްތަޤްބަލުގައި އުފައްދާ ފަލަސްޠީނުގެ މިނިވަން ދަޢުލަތުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދެކެވެ. ނަމަވެސް އިސްރާއީލުން ޤަބޫލުކުރަނީ މުޅި ޤުދުސްސަކީ އެ ޤައުމުގެ ވެރިރަށުގެ ގޮތުގައެވެ.