ޚަބަރު

ދެ ހަފުތާއަށްފަހު ޗައިނާގައި ބަލިޖެހުނު މީހުންގެ ޢަދަދު ދަށަށް


ދެ ހަފުތާއަށްފަހު ޗައިނާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ފުރަތަމަ ފަހަރަށް ދަށަށް ގޮސްފިއެވެ.

ކޯވިޑް-19 ޖެހިފައިވާ މީހުން ފެނިފައިވާ ޗައިނާގެ ރަށްތައް ފުރަބަންދުކޮށް އެ ރަށްތަކުގައި ދިރިއުޅޭ ހުރިހާ މީހުން ބައްޔަށް ތަޙްލީލުކޮށް ބަލިޖެހިފައިވާ މީހުން އެކަހެރިކުރަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހުނީ 55 މީހުންނަށްކަމަށެވެ. އެއީ ޖަނަވަރީ މަހުގެ 4ވަނަ ދުވަހަށްފަހު ބަލިޖެހުނު މީހުންގެ ޢަދަދުތައް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ޖަނަވަރީ މަހުގެ 4ވަނަ ދުވަހު 127 މީހުންނަށް ބަލިޖެހުނެވެ. އޭގެ ފަހުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކަށް ޗައިނާގައި ބަލިޖެހިފައިވެއެވެ.

ޗައިނާގެ ޞިއްޙަތާބެހޭ ޤައުމީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަށަށް ގޮސްފައިވަނީ ކުރިން ޙާލަތު ގޯސްވެފައިވާ ސަރަޙައްދުތައް ޢާއްމު ޙާލަތަކަށް ރުޖޫޢަވަމުންދާތީކަމަށެވެ. އެ ގޮތުން ކުރިން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކަށް ބަލިޖެހުނު އެ ޤައުމުގެ މެދުތެރޭގައި އޮންނަ އަންޔަންގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހުނީ 29 މީހުންނަށެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުނު ޗައިނާގެ އެއްވެސް ސަރަޙައްދަކުން ބަލިޖެހިފައިވާ މީހެއް ފެނިއްޖެނަމަ އެ ރަށް ފުރަބަންދުކޮށް އެ ރަށުގައި ދިރިއުޅޭ ހުރިހާ މީހުން ބައްޔަށް ތަޙްލީލުކޮށް ބަލިޖެހިފައިވާ މީހުން އެކަހެރިކުރެއެވެ. އެ ޤައުމުގައި 105,345 މީހުންނަށް ކޯވިޑް-19 ޖެހި 4,636 މީހުންވަނީ މަރުވެފައެވެ.