ޚަބަރު

އިސްލާމީ ޤައުމުތަކުން އަފްޣާނިސްތާނުގެ ވެރިކަން ޤަބޫލުކުރުމަށް ޠާލިބާނުން ގޮވާލައިފި


ބައިނަލްއަޤްވާމީ މުޖުތަމަޢުން އަފްޣާނިސްތާނުގައި ޠާލިބާނުން ޤާއިމުކޮށްފައިވާ ވެރިކަން ޤަބޫލުކުރުމަށް އެ ޖަމާޢަތުން ގޮވާލައިފިއެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ބޮޑުވަޒީރު މުއްލާ ޙަސަން އަޚޫންދު ވިދާޅުވީ ބޭރު ޤައުމުތަކުން ކުރިމަތިކުރުވި ޝަރުތުތައް ޠާލިބާނުން ފުރިހަމަކޮށްފައިވާކަމަށެވެ. އޭގެ ބަދަލުގައި ބޭރު ޤައުމުތަކުން، ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުން، އަފްޣާނިސްތާނުގައި ޤާއިމުކޮށްފައިވާ ވެރިކަން ޤަބޫލުކުރަން ޖެހޭ ވަޤުތު ޖެހިއްޖެކަމަށް އަޚޫންދުވަނީ ވިދާޅުވެފައެވެ.

އަފްޣާނިސްތާނުގެ ބޮޑުވަޒީރުގެ މަޤާމާ މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައި ޙަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ބޭރުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި އަޚޫންދު ވިދާޅުވީ ކުރު މުއްދަތަކަށް އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވޭނެ ގޮތެއް ނޫންކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއެކު އަފްޣާނިސްތާން އާރާސްތުކުރުމުގެ މަސައްކަތް ފަށަން ޖެހޭކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން ގިނަ ޤައުމުތަކަކުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުންވަނީ އެ ޤައުމާއެކު އޮތް ގުޅުންތައް ކަނޑާލައި އެ ޤައުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަންވަނީ ހުއްޓާލައިފައެވެ. އެއާއެކު އަފްޣާނިސްތާނުގެ އިޤްތިޞާދީ ޙާލަތު ގޯސްވެ އެ ޤައުމަށް ބޮޑު އިންސާނީ ކާރިޘާއަކާ ކުރިމަތިލާން ޖެހި އެ ޤައުމުގެ އެތައް މިލިޔަން ރައްޔިތުންނަކަށްވަނީ ބަނޑުހައިހޫނުކަން ކުރިމަތިވެފައެވެ.

އދން ބުނެފައިވަނީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވަނީ ކަނބޮޑުވާން ޖެހޭފަދަ ނާޒުކު ޙާލަތެއްކަމަށާއި އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 4.4 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށެވެ.