ޚަބަރު

އިންޑޮނޭޝިޔާގެ ވެރިރަށް އެ ޤައުމުގެ އެންމެ ބޮޑު ރަށަށް ބަދަލުކުރަނީ


އިންޑޮނޭޝިޔާގެ ވެރިރަށް އެ ޤައުމުގެ އެންމެ ބޮޑު ރަށަށް ބަދަލުކުރަން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އިންޑޮނޭޝީޔާގެ ވެރިރަށް ޖަކާޓާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށެވެ. ޖަކާޓާގައި 35 މިލިޔަން މީހުން ދިރިއުޅެއެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ޖަކާޓާ ވެފައިވަނީ ދެކުނުއިރުމަތީ އޭޝިޔާގެ އެންމެ މުޙިއްމު ރަށަށްށެވެ. އެ ގޮތުން ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ޖަމުޢިއްޔާކަމަށްވާ އާސިޔާނުގެ މައި އިދާރާވެސް ޤާއިމުކޮށްފައިވަނީ ޖަކާޓާގައެވެ.

އިންޑޮނޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފައިވަނީ އެ ޤައުމުގެ ވެރިރަށް އެ ޤައުމުގެ އެންމެ ބޮޑު ރަށްކަމަށްވާ ކަލިމަންޓަންނަށް ބަދަލުކުރުމަށެވެ. އިންޑޮނޭޝިޔާގެ ބިމުގެ %73 އޮންނަނީ ކަލިމަންޓަންގައެވެ. އަދި އިންޑޮނޭޝިޔާގެ އައު ވެރިރަށަށް ކިޔާނެ ނަމެއްގެ ގޮތުގައި ނިންމާފައިވަނީ ނުސަންތާރާއެވެ.

އިންޑޮނޭޝިޔާގެ ސަރުކާރުންވަނީ އެ ޤައުމުގެ އައު ވެރިރަށް ބިނާކުރުމަށް 35 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށެވެ. އަދި އިންޑޮނޭޝިޔާގެ އައު ވެރިރަށް ވެގެންދާނީ އެ ޤައުމުގެ ރަމުޒެއްކަމަށާއި ސަރަޙައްދީ އިޤްތިޞާދީ ޙަރަކާތްތަކުގެ މަރުކަޒަކަށްކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ. އެ ގޮތުން އެ ރަށް ބިނާކުރާނީ ތިމާވެއްޓާ ރައްޓެހި އީޖާދުތައް ބޭނުންކުރެވޭނެ ގޮތަކަށްކަމަށާއި އިޤްތިޞާދީ ޙަރަކާތްތަކުގެ އިތުރުން ޞިއްޙަތާއި ބޭސް އުފެއްދުމުގެ ދާއިރާއިން ތަރައްޤީވެފައިވާ ރަށެއްގެ ގޮތުގައިކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

އާބާދީ އިތުރުވެ ތޮށްޖެހުމާއި ތިމާވެށީގެ މައްސަލަތައް ކުރިމަތިވުމުގެ ސަބަބުން މިޔަންމާއާއި މިޞްރާއި ބުރެޒިލްގެ ވެރިރަށް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް އެ ޤައުމުތަކުންވަނީ ފަށައިފައެވެ.