ޚަބަރު

މަޑިވަރު އެއަރޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްފި

ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީ ކޮށްފައިވާ މަޑިވަރު އެއަރޕޯޓް ހިންގުމަށް ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ މަޑިވަރު އެއަރޕޯޓް ހިންގާ ބެލެހެއްޓުމަށް އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް އާއި ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މަޑިވަރު އެއްރޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ގުޅިގެން ފަށައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއެވެ. އަދި އެއާރޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެބުރުވަރީމަހު މަޑިވަރު އެއާރޕޯޓަށް ފެށުމަށް ނިންމާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއެވެ.

މަޑިވަރު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު މަޑިވަރުގައިއެއަރޕޯޓަށް މިދިޔަމަހުގެ 25 ވަނަ ދުވަހު ވަނީ ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައެވެ. އެ އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ.

މަޑިވަރުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާ، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ގެންގޮސް ވަނީ އިންސްޓޯލްކޮށްވެސް ނިމިފައެވެ.

މަޑިވަރު އެއަރޕޯޓް ހިންގުމާއި އައިލެންޑް އޭވިއޭޝަނުން ހަވާލުވެފައިވާއިރު މިވަގުތު އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ 3 ޑޮމެސްޓިކް އެއަރޕޯޓެއް ހިންގަމުންނެވެ. އެއީ ބ.ދަރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރު އެއަރޕޯޓެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ ނ. މާފަރުގައި އިންޓަރނޭޝަނަލް އެއާޕޯރޓެއްވެސް ހިންގަމުންނެވެ.