ފ.ނިލަންދޫގައި މިސްކިތެއް ޢިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކުރީ މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑާއެވެ.
ނިލަންދޫގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ
މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަލީ އިސްމާޢިލެވެ.
365 ދުވަސްތެރޭގައި ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 14 ފެބްރުއަރީ 2022 ވަނަ ދުވަހުއެވެ. ދިވެހި ދައުލަތުން 11.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.