ޚަބަރު

މިސައިލް ތަޖުރިބާކުރަން އުތުރު ކޮރެޔާއިން ވައިގެ ބަނދަރެއް ބޭނުންކޮށްފި


އުތުރު ކޮރެޔާގެ ވެރިރަށް ޕިޔޮންޔަންގައި އޮންނަ ވައިގެ ބަނދަރެއް ބޭނުންކޮށްގެން އެ ޤައުމުގެ އަސްކަރިއްޔާއިން ބެލިސްޓިކް މިސައިލުތަކެއް ތަޖުރިބާކޮށްފިއެވެ.

ވާދަވެރި ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އުތުރު ކޮރެޔާއިން ތަޖުރިބާކޮށްފައިވަނީ ކުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލްކަމަށެވެ. އަދި އެ މިސައިލުތައް 42 ކިލޯމީޓަރު މަތިން 380 ކިލޯމީޓަރު ދުރަށް އުދުހިފައިވާކަމަށްވެސް ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިސައިލް ތަޖުރިބާކުރުމަށް އުތުރު ކޮރެޔާއިން ބޭނުންކޮށްފައިވަނީ ޕިޔޮންޔަންގައި އޮންނަ ސުނާން އެއަރފިލްޑެވެ. އެ ޤައުމުންވަނީ މެދު ރާސްތާގެ މިސައިލް ތަޖުރިބާކުރުމަށް 2017ވަނަ އަހަރުގެ ތެރޭގައި އެ ވައިގެ ބަނދަރު ބޭނުންކޮށްފައެވެ.

2017ވަނަ އަހަރުގެ ފަހުން ދިގު ރާސްތާގެ މިސައިލާއި ނިޔުކްލިޔަރ މިސައިލް އުތުރު ކޮރެޔާއިން ތަޖުރިބާކޮށްފައެއް ނުވެއެވެ. ނަމަވެސް 2019ވަނަ އަހަރުގެ ތެރޭގައި އެމެރިކާއާއެކު ކުރަމުންދިޔަ މަޝްވަރާތައް ނިމުމަކަށް އައުމުން އުތުރު ކޮރެޔާއިންވަނީ ކުރު ރާސްތާގެ ގިނަ ޢަދަދެއްގެ މިސައިލުތަކެއް އީޖާދުކޮށް ތަޖުރިބާކުރަން ފަށައިފައެވެ.

އައު އަހަރާ ދިމާކޮށް ދެއްވި ތަޤްރީރުގައި އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންވަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަތިޔާރު އުފެއްދުމަށާއި އެ ޤައުމުގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކުރުމަށް ޢަމުރުކުރައްވައިފައެވެ. އެއާއެކު ފާއިތުވި ދުވަސްތަކުގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ 4 ބެލިސްޓިކް މިސައިލާއި އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ ހައިޕަސޯނިކް 2 މިސައިލެއް ތަޖުރިބާކޮށްފައެވެ.