ޚަބަރު

"އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް އަސަރުކުރާނެ: އެޑިއުކޭޝަން


ސިޔާސީ މަންފާއަށްޓަކައި ހިންގާ "އިންޑިއާ އައުޓް"ގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުމާއެކު މިޙަރަކާތުގެ ތެރެއިން ހިންގަމުންދާ ކަންކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުށްވެރިކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ފަހަކަށް އައިސް މިފަދަ ޢަމަލުތައް އިތުރުވަމުންދާކަމަށާއި މީގެސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވާ ބިދޭސީ ޓީޗަރުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާކަމަށެވެ.

ށ.ފުނަދޫ ސްކޫލް ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންނަނީ ބަލަމުންނެވެ. މިމައްސަލައާއި ގުޅިގެން އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި ށ.ފުނަދޫގައި ކުރިއަށްދިޔަ ސިޔާސީ ޙަރަކާތެއްގެތެރޭގައި އިދިކޮޅު ލީޑަރަކު ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ލިޔަންވެއްޖެކަމަށް ބުނެ ވާހަކަދެއްކިތާ މާގިނައިރުތަކެއް ނުވެ އެރަށުގެ ސްކޫލްގެ ފާރުގައި މިޢިބާރާތުން ލިޔެފައިވާކަމަށެވެ. މިޢިބާރާތަކީ އެސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް ސީދާ ޓާގެޓްކޮށް ލިޔެފައިވާ ޢިބާރާތެއްކަމަށް އެޑިއުކޭޝަންގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ ސްކޫލްތަކަކީ ގިނަ ޢަދަދަކަށް ބިދޭސީން މަސައްކަތްކުރާ ތަންތަންކަމަށެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ބިދޭސީ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އެފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސްކޫލްތަކުގައި އެދެމުންދާކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދެވޭ ޙަމަލާއެއްކަމަށާއި މީގެ ސަބަބުން ދަރިވަރުންގެ ތަޢުލީމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމުގެ ކަންބޮޑުވުން އެޑިއުކޭޝަނުން ވަނީ ފާޅުކޮށްފައެވެ.

މިނިސްޓްރީން ވިދާޅުވީ ރާއްޖެއަށް ބިދޭސީ ޓީޗަރުން ގެންނަނީ ދިވެހިން ނުލިބޭ ދާއިރާތަކަށްކަމަށާއި މިހާރުވެސް ބިދޭސީ ޓީޗަރުން ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތައް ގިނަކަމަށެވެ. އަދި ބިދޭސީ ޓީޗަރުން އަމިއްލަ ޤައުމު ދޫކޮށް ރާއްޖެއަށް އަންނަނީ ކިޔަވައިދޭންކަމަށްވާއިރު މިފަދަ ކެމްޕޭއިންތަކުގެ ސަބަބުން އެފަރާތްތަކުގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ވަޒީފާ ދޫކޮށް ދިޔުމުގެ ކަންބޮޑުވުން އިތުރުވެފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން މިފަދަ ޢަމަލުތައް ހިންގަމުންދާ ފަރާތްތަކާއި އެކަންކަމަށް ހިތްވަރު ދޭ ފަރާތްތަކުގެ ޢަމަލުތައް މިނިސްޓްރީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އަދި ރާއްޖޭގައި ޙަރަކާތްތެރިވާ ބިދޭސީ ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ޚާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް އެޑިއުކޭޝަނުން ވިދާޅުވެއެވެ.