ޚަބަރު

ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ


އދ.މަންދޫ ކައިރިން ޑައިވިންއަށް ފޭބި ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މި ޙާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އިއްޔެ އދ.މަންދޫ ކައިރި ފަރެއްގައި ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ކަނޑުގެ 15 މީޓަރު އަޑިން ފެނިގެން ނަގާފައިވާކަމަށެވެ.

މި ފަތުރުވެރިޔާއަކީ އދ.މަންދޫ ކައިރި ފަރަކަށް ޑައިވްކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިންއަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ.

އެމީހާ ގެއްލުނުކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ އިއްޔެ ހަވީރު 3:55 ހާއިރުއެވެ. އެ މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރާއި އެ ސަރަޙައްދުން ދަތުރުކުރި ސީޕްލޭންތައް ވަނީ ހަރަކާތްތެރިވެފައެވެ.