ޚަބަރު

އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ޗައިނާއިން ކުށްވެރިކޮށްފި


އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ޗައިނާއިން ކުށްވެރިކޮށްފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައި ނިޔުކްލިޔަރ މަޝްރޫޢު ހުއްޓާލުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުންވެފައިވާ އެއްބަސްވުމަށް އަލުން ޢަމަލުކުރުމަށް ޗައިނާއިން ތާޢީދުކުރާކަމަށެވެ. އެ އެއްބަސްވުމަށް ޢަމަލުކުރުން އީރާނުން ހުއްޓާލީ އެމެރިކާއިން އެ އެއްބަސްވުމުން 2018ވަނަ އަހަރުގެ ތެރޭގައި ވަކިވުމުންނެވެ. އެއާއެކު އީރާނުންވަނީ އެ އެއްބަސްވުމާ ޚިލާފަށް ނިޔުކްލިޔަރ ހަކަތަ އުފެއްދުމަށް ޔުރޭނިޔަމު ފައްކާކުރަން ފަށައިފައެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ނިޔުކްލިޔަރ އެއްބަސްވުމާ ޚިލާފަށް އީރާނުން ޢަމަލުކުރަން ފަށާފައިވަނީ އެމެރިކާއިން އެ އެއްބަސްވުމުން ވަކިވުމުންކަމަށާއި އެ ކަމުގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެކަމަށެވެ. އިރާނުގެ ނިޔުކްލިޔަރ މަޝްރޫޢުގެ ދަށުން ނިޔުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އެ ޤައުމުން އަބަދުވެސް ބުނެއެވެ. އަދި ނިޔުކްލިޔަރ އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ޔުރޭނިޔަމު ފައްކާކުރުން ހުއްޓާލުމަށްވެސް އީރާނުންވަނީ އެއްބަސްވެފައެވެ. ޗައިނާއިން ބުނެފައިވަނީ ނިޔުކްލިޔަރ އެއްބަސްވުމާ ގުޅޭ މަޝްވަރާތަކުގައި އީރާނުގެ ދާޚީލީ ކަންކަން ހިމަނައި އެ ކަންކަމަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތައް ބަލައި ނުގަނެވޭނެކަމަށާއި އެ މަޝްވަރާތަކުގައި ހިމެނޭނީ އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢު އެކަނިކަމަށެވެ.

އީރާނުގެ ނިޔުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެފައިވަނީ އީރާނުގެ ނިޔުކްލިޔަރ މަޝްރޫޢުއާއި މިސައިލް އުފެއްދުމުގެ މަޝްރޫޢު ހުއްޓުވުމަށް އެ އެއްބަސްވުމުން މުޙިއްމު ދަޢުރެއް އަދާނުކުރާކަމަށް ބުނެއެވެ. އަދި އޭގެ ފަހުން އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.