ރޭލެއް ބޭނުންކޮށްގެން އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން މިސައިލެއް ތަޖުރިބާކޮށްފިއެވެ.
އުތުރު ކޮރެޔާގެ ދަޢުލަތުގެ ޓީވީކަމަށް ކޭސިއެންއޭއިން ބުނެފައިވަނީ ރޭލެއް ބޭނުންކޮށްގެން ކާމިޔާބުކަމާއެކު މިސައިލެއް ތަޖުރިބާކޮށްފައިވާކަމަށެވެ. އަދި ކާމިޔާބުކަމާއެކު ޢަމާޒަށް އެ މިސައިލް ވާޞިލުވުމުން އެ ޤައުމުގެ ރޭލް ނިޒާމު ބޭނުންކޮށްގެން އެކި ސަރަޙައްދުތަކުގައި މިސައިލް ވިއުގައެއް ޤާއިމުކުރުމުގެ މަޝްވަރާތައް ކުރަމުންދާކަމަށްވެސް ކޭސިއެންއޭއިން ބުނެފައިވެއެވެ. ނަމަވެސް އުތުރު ކޮރެޔާއިން ތަޖުރިބާކުރީ ކޮން ވައްތަރެއްގެ މިސައިލެއްކަމެއް ޔަޤީންކޮށްދީފައެއް ނުވެއެވެ. ރޭލެއް ބޭނުންކޮށްގެން އުތުރު ކޮރެޔާއިން އެންމެ ފުރަތަމަ މިސައިލެއް ތަޖުރިބާކޮށްފައިވަނީ މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައެވެ.
ވާދަވެރި ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އުތުރު ކޮރެޔާއިން ތަޖުރިބާކޮށްފައިވަނީ ކުރު ރާސްތާގެ 2 ބެލިސްޓިކް މިސައިލްކަމަށެވެ. އަދި 36 ކިލޯމީޓަރު އުސްމިނުމުގައި 430 ކިލޯމީޓަރުގެ ބާރުމިނުގައި އެ މިސައިލުތައް ދަތުރުކޮށްފައިވާކަމަށްވެސް ދެކުނު ކޮރެޔާއިން ބުނެއެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ ގިނަ ޢަދަދެއްގެ މިސައިލުތަކެއް ތަޖުރިބާކޮށްފައެވެ. އޭގެ ތެރޭގައި އަޑަށްވުރެ ފަސްގުނަ ބާރުމިނުގައި ދަތުރުކުރާ ހައިޕަސޯނިކް ދެ މިސައިލެއްވެސް ހިމެނެއެވެ. އދގެ ޤަރާރުތަކާ ޚިލާފަށް އުތުރު ކޮރެޔާއިން ތަކުރާރުކޮށް މިސައިލް ތަޖުރިބާކުރާކަމަށް ބުނެ އެމެރިކާގެ ރައީސް ޖޯ ބައިޑަނުގެ ޒަޢާމަތުގައި އެ ޤައުމުންވަނީ ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. ނަމަވެސް އުތުރު ކޮރެޔާއިން މިސައިލް ތަޖުރިބާކުރުން ހުއްޓާލައިފައެއް ނުވެއެވެ.
އައު އަހަރާ ދިމާކޮށް ދެއްވި ތަޤްރީރުގައި އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންވަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަތިޔާރު އުފެއްދުމަށާއި އެ ޤައުމުގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކުރުމަށް ޢަމުރުކުރައްވައިފައެވެ.