ޚަބަރު

އިންޑިޔާގެ 375 މިލިޔަން ޑޮލަރުގެ މިސައިލް ނިޒާމެއް ފިލިޕީންސުން ގަންނަނީ


ފިލިޕީންސުގެ ކަނޑުގެ ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް އިންޑިޔާގެ މިސައިލް ނިޒާމެއް ގަތުމަށް ނިންމައިފިއެވެ.

ފިލިޕީންސުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އަސްކަރީ މަނަވަރުތަކުގައި ބޭނުންކުރާ މިސައިލް ނިޒާމެއް ގަތުމަށް ނިންމާފައިވާކަމަށާއި އެ މުޢާމަލާތުގެ އަގު 375 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެކަމަށެވެ. އިންޑިޔާގެ މިސައިލް ނިޒާމެއް ގަތުމަށް ފިލިޕީންސުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ތަފާތު ސަބަބުތައް ދިމާވެ އިންޑިޔާއަށް އެ ނިޒާމު ފިލިޕީންސަށް ފޯރުކޮށްދެވިފައެއް ނުވެއެވެ. ނަމަވެސް ފިލިޕީންސުގެ ދިފާޢީ ވުޒާރާއިން ބުނީ އެއްބަސްވުމާ އެއްގޮތަށް އިންޑިޔާގެ ހަތިޔާރު އުފައްދާ ކުންފުންޏެއްކަމަށްވާ ބަރާމޯސް އޭރޯސުޕޭސް ޕުރައިވެޓު ލިމިޓެޑުން މިސައިލް ނިޒާމާއި އޭގެ އާލާތްތައް ފޯރުކޮށްދޭނެކަމަށެވެ. އަދި އެ ނިޒާމު ލިބުމުން ފިލިޕީންސުގެ 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް ހަރަކާތްތެރިވާ އުލަނދުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

ފިލިޕީންސުގެ އަސްކަރިއްޔާގައި ގިނައިން ބޭނުންކުރަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އުފައްދާފައިވާ މަނަވަރުތަކާ ވިއެތުނާމު ހަނގުރާމައިގައި އެމެރިކާއިން ބޭނުންކުރި ބައު ހެލިކޮޕުޓަރުތަކެވެ. ނަމަވެސް ފިލިޕީންސުގެ އަސްކަރިއްޔާ ތަރައްޤީކުރުމަށް އެ ޤައުމުންވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި 5.85 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ. އެ ގޮތުން ފިލިޕީންސުންވަނީ 2018ވަނަ އަހަރުގެ ތެރޭގައި އިސްރާއީލުގައި އުފައްދާފައިވާ މިސައިލް ނިޒާމެއްވެސް ގަނެފައެވެ.