ޚަބަރު

ދީނީ އެއްވުންތައް ބާއްވަނިކޮށް އިންޑިޔާގައި 268,833 މީހުންނަށް ބަލިޖެހިއްޖެ


އިންޑިޔާގައި ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް ހިންދޫންގެ ދީނީ އެއްވުންތައް ބާއްވަނިކޮށް އެ ޤައުމުގައި 1 ދުވަހުގެ ތެރޭގައި 268،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިއްޖެއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 268,833 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އޭގެ ކުރީގެ ދުވަހު އެ ޤައުމުގައި ބަލިޖެހިފައިވަނީ 264,202 މީހުންނަށެވެ. އޭގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ބަލިޖެހިގެން 402 މީހުންވަނީ މަރުވެފައެވެ. އޭގެ ކުރީ ދުވަހު ބަލިޖެހިގެން މަރުވެފައިވަނީ 315 މީހުންނެވެ. އެންމެ ފަހުން ޢާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިޔާގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 36.84 މިލިޔަން މީހުންނަށް އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 485,752އަށް އިތުރުވެފައެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރެކޯޑު ޢަދަދަކަށް ކޮންމެ ދުވަހަކުވެސް އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދަނީ އެ ޤައުމުގައި ބަލީގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން އެ ޤައުމުގެ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ފެތުރެން ފެށުމުންނެވެ.