ޚަބަރު

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހުއްޓުވަން ބަޔަކު މަސައްކަތް ކުރޭ: ފައްޔާޞް


ށ.ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢޫ ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމަޢީލް ތުހުމަތުކުރައްވައިފިއެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޟް ވިދާޅުވީ، މި ސަރުކާރުން ކުރައްވާ މަސައްކަތަކީ އެކި އެކި ރަށްރަށުގައި ރައްޔިތުން ބޭނުންވެފައި ހުރި މައްސަލަތައް ހައްލުކޮށް އެކަންކަން އަވަސް ކުރެވޭނެ މަގެއް ހޯދުމަށްކަމަށެވެ. މި ސަރުކާރާއި ހަވާލުވިއިރު ރާއްޖެ އޮތީ 19 ވަނަ ގަރުނުގެ ތެރޭގައިކަން ސިފަކުރައްވާ ފައްޔާޟް ވިދާޅުވީ މި ސަރުކާރުގެ ތިން އަހަރުދުވަހުގެ ތެރޭގައި ކޯވިޑްގެ ވަބާއާއި އެއްކޮށްވެސް ތަރައްޤީގެ ރޮނގުން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށެވެ.

ފައްޔާޟް ވިދާޅުވީ ގިނަ ދަތިތަކާއި ގޮންޖެހުންތަކާ އެކުވެސް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހުރިހާ ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތައް އަންނަނީ ކުރިއަށް ގެންދަމުންކަމަށެވެ. އެތައް ޒަމާނެއް ވަންދެއް ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ފުއްދައިދެމުން އަންނަކަން ފާހަގަކުރައްވާ ފައްޔާޟް ވިދާޅުވީ، މި ދައުރު ނިމޭއިރުގައި ރައްޔިތުން ބޭނުންވާ ކަންކަން ހަމަޖެހި ޚިދުމަތްތައް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުއަށް އަލިއަޅުއްވާލައްވާ ފައްޔާޟް ވިދާޅުވީ، މިއީ ހަމައެކަނި ކޮމަންޑޫގެ ބޯހިޔާވަހަކަމަށް އެކަނި ކުރެވޭ ކަމެއް ނޫންކަމަށާއި މިކަމުގެ ސަބަބުން އެތައްގޮތަކުން ރައްޔިތުންނަށް ފައިދާވާނެކަމަށެވެ. އެގޮތުން އިޤްތިޞާދީ ހަރަކާތްތައް ފެށުމަށް ފުރުޞަތު ތައް ލިބިގެންދާނެކަމަށް ފައްޔާޟް ވިދާޅުވިއެވެ.

"މި މަޝްރޫއު ނިމިގެންދާއިރު 21 ހެކްޓަރުގެ ކޮމަންޑޫގައި އޮތްނަމަވެސް މަތި ކޮމަންޑޫއާ ގުޅުވާލުމުން 25 ހެކްޓަރު އިތުރުވާނެ. ބިން 100 އިންސައްތަ އިތުރުވެގެން ދާނެ. ކުރިއަށް އޮތް ޖީލުތަކަށް ހިތްހަމަ ޖެހިލައިގެން އަމިއްލަ ވަޒަނުގައި އުޅެވޭނެ ގޮތް ވެގެން މިދަނީ" މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް ފައްޔާޞް އިސްމާއިލް ވިދާޅުވިއެވެ.

ފައްޔާޒްގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ވަނީ ކުރިން ރާއްޖޭގައި ޚުދުމުހުތާރު ވެރިކަމެއް ފެނުނު ނަމަވެސް މި ސަރުކާރުން ކުރަނީ ހެޔޮ ވެރިކަމެއްކަން ފާހަގަ ކުރައްވާފައެވެ. ފައްޔާޟް ވިދާޅުވީ ކުރީ ސަރުކާރުގައި ބޭނުން ވަގުތަކު ބޭނުންގޮތަކަށް ޤާނޫނުތައް ހަދައި ބަދަލުކުރަމުން ގޮސްފައިވާކަމަށާއި، އޭރު ހުރިހާ މުއައްސަސާއެއް އޮތީ ސަރުކާރުން ބުނިގޮތަކަށް ކަންކަންކުރަން ސަރުކާރުގެ މުށުތެރޭގައިކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ވެރިކަން ކުރަނީ ފާރަވެރިވާނެ އެތަކެއް ބައެއް ތިބެގެންކަމަށާއި، މިހާރު ރާއްޖޭގެ މީޑިއާއިންވެސް ކޮންމެފަދަ ވާހަކައެއް ދެއްކޭނެކަމަށް ފައްޔާޟް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރަނީ ސަރުކާރަށް ކަމެއް ނުކުރެވޭކަން ދެއްކުމަށްކަމަށެވެ. ނަމަވެސް މިސަރުކާރަށް ލިބިފައިވާ ވަގުތުގައި ސަރުކާރުން ވެފައިވާ ވަޢުދުތައް ކޮމަންޑޫއަށާއި، ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ފުއްދައިދެއްވާނެކަމުގެ ޔަގީންކަން ފައްޔާޒް އެރުވިއެވެ.