ޚަބަރު

މާކުން އުފެއްދި ކޯވިޑް-19ގެ ބޭސް ގުޅަ އިންޑޮނޭޝިޔާގައި ބޭނުންކުރަނީ


އެމެރިކާގެ ބޭސް އުފައްދާ ކުންފުނި މާކުން ބާޒަރަށް ނެރެފައިވާ ކޯވިޑް-19ގެ ބޭސްގުޅަ ބޭނުންކުރުމުގެ ޙުއްދަ އިންޑޮނޭޝިޔާއިން ދީފިއެވެ.

އިންޑޮނޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ މާކުން އުފެއްދި ކޯވިޑް-19ގެ ބޭސްގުޅަ އެ ޤައުމުގައި ބޭނުންކުރަނީ ކުއްލި ޙާލަތްތަކުގައިކަމަށެވެ. އެ ގޮތުން މާކުގެ 400،000 ބޭސް ގުޅަ އިންޑޮނޭޝިޔާއިން ހޯދާފައިވާކަމަށް އެ ޤައުމުން ބުނެފައިވެއެވެ.

ކޯވިޑް-19އާ ދެކޮޅަށް ބޭނުންކުރުމަށް މާކުން އުފައްދާފައިވާ ބޭސްގުޅަ ބޭނުންކުރުމުގެ ޙުއްދަ އިންޑޮނޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ދީފައިވަނީ އެ ޤައުމުގައި ބަލިމަޑުކަމުގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެއާއެކު ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް އިންޑޮނޭޝިޔާގައި ޖަހަންވަނީ ފަށައިފައެވެ.

ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑޮނޭޝިޔާގައި 4.27 މިލިޔަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 144،000އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.