ކުޅިވަރު

ވުޑް ނިއުކާސަލްއަށް ބަދަލުވެއްޖެ


ނިއުކާސަލް ޔުނައިޓެޑުން، ބާންލީއަށް ކުޅޭ ނިއުޒިލެންޑުގެ ފޯވާޑް ކްރިސް ވުޑުގެ ސޮއި ހޯދައިފިއެވެ.

ބާންލީއާއެކު ވުޑްގެ ކޮންޓްރެކްޓުގައި ބާކީ ދޮޅު އަހަރު އޮއްވައި ނިއުކާސަލް އިން އޭނާ ގެނައީ، ބާންލީ އިން އޭނާގެ ކޮންޓްރެކްޓުގައި ހިމަނައިފައިވާ ރިލީޒް ކްލޯސްގައިވާ 25 މިލިއަން ޕައުންޑް ދައްކާފައެވެ. ނިއުކާސަލް ޔުނައިޓެޑުގެ ކޯޗު އެޑީ ހޯވް ބުނީ ވުޑްއަކީ މި ދަނޑިވަޅުގައި ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އޭނާއަކީ ފިޒިކަލީ ވަރުގަދަ އަދި އެޓޭކްތަކުގައި އިދިކޮޅު ޓީމަށް ނުރައްކާ ކުރާ ކުޅުންތެރިއެއް ކަމަށެވެ. ވުޑް ގެނައި މައިގަނޑު ސަބަބަކީ އެ ޓީމުގެ އެންމެ މުހިއްމު ފޯވާޑް ކެލަމް ވިލްސަންއަށް އަނިޔާވެ ދެ މަސްދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމުން އޭނާ ނެތް ތަން ފޫބައްދާށެވެ.

މީގެ ކުރިން ވެސްޓް ބްރޮމް އާއި ލެސްޓާ ސިޓީ އަދި ލީޑްސް ޔުނައިޓެޑަށް ވެސް ކުޅުނު ނިއުޒިލެންޑުގެ ފޯވާޑް ބާންލީ އަށް ބަދަލުވީ 2017 ވަނަ އަހަރު، ކުލަބުގެ ރެކޯޑް ފީއެއް ކަމަށްވާ 15 މިލިއަން ޕައުންޑަށެވެ. ބާންލީއާއެކު މި ސީޒަނުގައި މިހާތަނަށް ކުޅުނު 17 މެޗުން ތިން ގޯލު ޖަހައިފައިވާ ވުޑް ވަނީ އެޓީމާ އެކު ވޭތުވެދިޔަ 4 ސީޒަނުގައިވެސް 10 ލަނޑަށް ވުރެ ގިނަ ގޯލު ޖަހައިދީފައެވެ.

ނިއުކާސަލްއިން މި ޖެނުއަރީގައި އެންމެ ފުރަތަމަ ގެނައީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި އިނގިރޭސި ގައުމީ ޓީމުގެ ފުލްބެކް ކީރެން ޓްރިޕިއާއެވެ.

ޓްރިޕިއާގެ ސޮއި ހޯދީ އެންމެ 12 މިލިއަން ޕައުންޑަށެވެ. ނިއުކާސަލުން ވުޑް ގެނައި މައިގަނޑު ސަބަބަކީ އެ ޓީމުގެ އެންމެ މުހިއްމު ފޯވާޑް ކެލަމް ވިލްސަން އަށް އަނިޔާވެ ދެ މަސްދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމުން އޭނާ ނެތް ތަން ފޫބެއްދުމުގެ ގޮތުންނެވެ.